ޕީޕީއެމް ސަރުކާރުގެ މެނިފެސްޓޯގެ 90 ޕަސެންޓް ފުރިހަމަ ވެއްޖެކަމަށް ބުނާއިރު ދަތުރުފަތުރާ ގުޅޭ އެއްވެސް ކަމެއް މިއަދާ ހަމައަށް ކުރެވިފައި ނުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑިޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ދަތުރުފަތުރާ ބެހޭ ކޮމިޓީގެ މުގައްރިރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ދަތުރުފަތުރުގެ ނިޒާމް އޮތީ ތިން ދާއިރާއަކަށް ބަހާލާފައި ކަމަށާއި އެއީ ވައިގެ ދަތުރު ފަތުރާއި ކަނޑު ދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރު ކަމަށެވެ. ނަމަވެސް ފެރީގެ ނިޒާމު އެއާޕޯޓްތަކާ ގުޅާލާނެ ކަމަށް ވެފައިވާ ވައުދު ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ވެސް ފުއްދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް އިން ވައުދުވި ނުހެދި ހުރި އެއާޕޯޓްތައް ޑޮމެސްޓިކް އެއާޕޯޓްތައް ވަރަށް އަވަހަށް ތިމަންނަމެން ނިންމަދޭނަމޭ. ދެން އޭގެ އިތުރުން ފެރީގެ ނިޒާމުން އެއާޕޯޓްތަކާއި ގުޅާލަ ދޭނެކަމަށް ބުނެފައި އެބައޮތް. މީގެތެރެއިން ވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއަދާ ހަމައަށް ނެތް އެއްވެސް އެއާޕޯޓެއްގައި މަސައްކަތް ފަށާފައެއް. އޭގެ އިތުރަށް ފެރީގެ ނިޒާމު ވެސް ނެތް އެއާޕޯޓްތަކާއި ގުޅާލެވިފައެއް،" ޝަމްހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ދަތުރުފަތުރު ކޮމިޓީގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ދަތުރުފަތުރާ ގުޅޭ ސިޔާސަތެއް ކަނޑައެޅިފައި ނުވާ ކަމަށާއި އަދި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވެސް އެކަމަށް ފައިސާ ހިމަނާފައިނުވާ ކަމަށެވެ.

"ނަމަވެސް ދެރަކަމަކީ ޕީޕީއެމްގެ މެނިފެސްޓޯގައި ދަތުރުފަތުރާ ގުޅޭ ނުވަތަ ސީ ޓްރާންސްޕޯޓްއާ ގުޅޭ އެކަށީގެންވާ ޕޮލިސީއެއް ނެތްކަން އަޅުގަނޑު ފާހަގަކޮށްލަން. މެނިފެސްޓޯގައި މިކަން ނެތްތާނގާއި މިކަން ޑިވެލޮޕް ކުރާކަށް ބަޖެޓްގައި އެއްވެސް ކަހަލަ އަދަދުތަކެއް ކަނޑައެޅިފައެއް ނެތް،" ޒާހިރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފަވާ ބަޖެޓުގައި އިގްތިސާދީ ބައިތަކުން ދަތުރު ފަތުރު ހިއްސާ ކުރަނީ 9.3 އިންސައްތަ އެވެ. ދަތުރުފަތުރުގެ ސިނާއަތުގައި ހިމެނެނީ ކަނޑު ދަތުރާއި، ވައިގެ ދަތުރާއި، އެއްގަމު ދަތުރުތަކުގެ އިތުރުން ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތަކެވެ. މިދާއިރާއިން މިއަހަރު 11.2 އިންސައްތަ އަދި އަންނަ އަހަރު 8.3 އިންސައްތަ ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.