މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެދުގައި ދިމާވި މައްސަލައަކާ ގުޅިގެން ދ. އަތޮޅު ބަށި މުބާރާތް ކުރިއަށް ނުގެންދެވި ހުއްޓާލައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝާކިރު ވިދާޅުވީ، މުބާރާތް ހުއްޓާލަން ޖެހުނީ މެޗުތައް ޝެޑިއުލް ކޮށްފައިވާ ގޮތާ މެދު ޓީމުތަކުގެ މެދުގައި ދިމާވި ދެބަސްވުމެއް ހައްލު ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

"މުބާރާތް ފެށުނުތަނާ ބަނޑިދޫގެ ޓީމްތަކުން މެޗުތަކުގެ ޝެޑިއުލަށް ބަދަލު ގެންނަން ހުށައެޅީ. އެގޮތުން ޝެޑިއުލަށް ބަދަލު ގެނައީ ބައިވެރިވި ޓީމްތަކުގެ އެއްބަސްވުމާ އެކު. ނަމަވެސް މިހާރު މާއެނބޫދޫގެ ޓީމުތަކުން ބޭނުންވަނީ ކުރިން އޮތް ގޮތަށް މެޗުތައް ގެންދަން. މުބާރާތް ހުއްޓާލަން ޖެހުނީ ދެ ރަށުގެ ޓީމްތަކުން މިކަމުގައި އެއްބަސްވުމަކާ ހަމައަށް ނުދެވުމުން، މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް،" ހުސައިން ޝާކިރު ވިދާޅުވިއެވެ.

ދ. އަތޮޅު ބަށި މުބާރާތް ފަށާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ދ. އަތޮޅު ކައުންސިލާއި އެ އަތޮޅު ޒުވާނުންގެ މަރުކަޒުން އިންތިޒާމްކޮށްގެން ބޭއްވި އެ މުބާރާތުގައި މާއެނބޫދޫގެ ތިން ޓީމަކާ ބަނޑިދޫގެ ދެ ޓީމެއް ބައިވެރިވެފައި ވެއެވެ. މި މުބާރާތުގައި މިހާތަނަށް ކުޅެވިފައި ވަނީ ފަސް މެޗެވެ.