ވިއެނާ: އެމެރިކާ އާއި ޔޫރަޕުން އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމްގެ މައްސަލަ މާބޮޑު ކޮށްލައިގެން އެކަން ސީޔާސީ ކަމަކަށް ހަދައިގެން އުޅޭ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ކުރީގެ ވެރިޔާ ޑޮކްޓާ މުޙައްމަދުލް ބަރާދަޢީ ވިދާޅުވެއްޖެއެވެ.
އޮސްޓްރިޔަން ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އަލްބަރާދަޢީ ވިދާޅުވީ އިންޓަރނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ވެރިއަކަށް 12 އަހަރު އޭނާ ހުންނެވިއިރު އީރާނުން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަން އެޖެންސީގެ އިނިސްޕެކްޓަރުން ފާހަގަކޮށްފައިނުވާ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނުން ސިއރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުން ކުރަމުން ގެންދާ ތުހުމަތުތަކަކީ ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެޤައުމުތަކުން ކުރިފަދަ ސިޔާސީ ތުހުމަތު ތަކެއްކަމަށް ބެލެވޭ ކަމަށް އަލްބަރާދަޢީ ވިދާޅުވިއެވެ.
ނިއުކްލިޔަ ހަތިޔާރު އުފެއްދުމަކީ ނިއުކްލިޔަ ފެތުރުން މަނާކުރާ މުޢާހަދާގެ ދަށުން ދުނިޔޭގެ އެއްވެސް ޤައުމަކަށް ހުއްދަކަމެއްނޫނެވެ. ކުރިން ނިއުކްލިޔަ ހަތިޔާރު އުފައްދާފައިވާ ޤައުމުތައްވެސް މިމުޢާހަދާގެ ދަށުންޖެހޭނީ އެފަދަ ހަތިޔާރުތައް ނައްތާލުމަށް ކަމަށް އަލްބަރާދަޢީ ވިދާޅުވިއެވެ. ނަމަވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރާ އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން ނިއުކްލިޔަރ ހަތިޔާރު އުފައްދަމުން ގެންދާ ޤައުމެވެ. އަދި އިސްރާއީލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖަހައި ސިއްރިޔާތުގައި ނިއުކްލިޔަ ހަތިޔާރު އުފައްދައި ޢަރަބި އަދި އިސްލާމީ ޤައުމުތަކަށް އެއިން ބިރުދައްކަމުން ގެންދާ ޤައުމެކެވެ.
އިސްރާއީލުވަނީ ނިއުކްލިޔަރ ފެތުރުން މަނާކުރާ ބައިނަލްއަޤްވާމީ މުޢާހަދާގައި ސޮއިކުރުމަށްވެސް ދެކޮޅުހަދާފައެވެ.