15 Nov 2014, 12:07
ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މަނަދޫ ޒުވާނުންގެ ގުޅުން ހޯދައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދާފައިވަނީ ހޮޅުދޫ ބޭސް އާއި ބައްދަލުކޮށް 1-2 ލަނޑުން މޮޅުވެގެންނެވެ.
އިއްޔެ ހަވީރު ހޮޅުދޫ ދަނޑުގައި ކުޅުން ސެމީ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަނަދޫ ޓީމު އަހުސަން އިސްހާގު އެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗު މިޔަދު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މަޗުގައި ބައްދަލު ކުރާނީ މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އާއި ޅޮހީ ޒުވާނުންގެ ކްލަބެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ހަ ޓީމަކުން ބައިވެރި ވެފައިވާއިރު ގްރޫޕް 'އޭ' ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބެވެ.