މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމް ކުރެވިގެންދާ ސްޕޯޓްސް އެރީނާތަކުގެ އިތުރުން، އަންނަ އަހަރު އިތުރު 40 ރަށެއްގައި ސްޕޯޓްސް އެރީނާ ގާއިމް ކުރުމަށް ނިންމާފާއިވާ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ، މި އަހަރު ކުރިއަށް ގެންދަނީ ސްޕޯޓްސް އެރީނާގެ ފުރަތަމަ ފިޔަވަހީގެ ދަށުން އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ސްޕޯޓްސް އެރީނާ ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ އަހަރުގެތެރޭގައި މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 1300 އާއި 1999 މީހުންގެ އާބާދީ އޮންނަ ރަށްރަށުގައި ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓް ފެށުމަށް މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިތުރު 40 ރަށެއްގައި ސްޕޯޓްސް އެރީނާ ގާއިމް ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު އަޅުގަނޑުމެން ފަށާނަން. ޔޫތު މިނިސްޓްރީގެ ފަރާތުން މިކަމަށް ބޭނުންވާ ޑޮކިއުމަންޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ގެންދަން. އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެން އެ ޕްރޮޖެކްޓްތައް އިއުލާނު ކޮށްގެން ކުރިއަށް ގެންދާނަން،" މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ އަންނަ އަހަރު ޔޫތު މިނިސްޓްރީއަށް ކަނޑައަޅާ ބަޖެޓުގެ އެންމެ ބޮޑު ބައެއް ހޭދަ ކުރެވޭނީ ސްޕޯޓްސް އެރީނާގެ އިންފްރާސްޓްރަކްޗާ މަސައްކަތަށް ކަމަށާއި، ގާތްގަނޑަކަށް 175 މިލިއަން ރުފިޔާ މި މަސައްކަތަށް ބަޖެޓުން ހޭދަ ކުރެވޭނެ ކަމަށެވެ.

"ޔޫތު މިނިސްޓްރީގެ ބަޖެޓުގެ 65 އިންސައްތަ ހޭދަކުރެވޭނީ ޕީއެސްއައިޕީ ގެ އެކިއެކި ޕްރޮޖެކްޓް ތަކަށް. އޭގެ ތެރޭގައި ކުޅިވަރު ކުޅޭ ދަނޑުތަކާއި، ސްޕޯޓްސް އެރީނާ އަދި އޭގެ އިތުރުން ރާއްޖެގެ އެކި ކަންކޮޅު ތަކުގައި ގާއިމް ކުރެވޭ ޔޫތު ސެންޓަރުތައްވެސް ހިމެނޭ،" މިނިސްޓރު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން މިއަހަރުތެރޭ ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 36 ފުޓްސެލް ދަނޑު ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ 90 އިންސައްތަ މިހާރު ނިމިފައިވާއިރު، އަންނަ އަހަރުގެ ކުރީކޮޅު ޒުވާނުންނަށް އެ ދަނޑުތަކުގެ ބޭނުން ކުރެވޭނެކަމަށް ވެސް މަލީހު ވިދާޅުވިއެވެ.