ޓީޓީ އެސޯސިއޭޝަނުން އިންތިޒާން ކޮށްގެން ބޭއްވި 54 ވަނަ ގައުމީ ޓީޓީ މުބާރާތް ނިންމާލައިފިއެވެ.

ރޭ ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިޔާތުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން އަދި ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ޗެއާޕާސަން އުމްނިއްޔާ ނަސީރު އެވެ.

އިއްޔެ ހަވީރު އެ މުބާރާތުގެ އެންމެ ފަހު މެޗު ވަނީ ކުޅެފައެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުރަތަމަ ޑިވިޝަންގެ އަންހެން ޓީމް އިވެންޓްގެ ޗެންޕިއަންކަމަށް ވާދަ ކުރި ބަނޑޮސް ޓީމާއި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. އެ މެޗު 3 ސެޓު 2 ސެޓުން ކާމިޔާބުކޮށް އެ އިވެންޓްގެ ޗެންޕިއަންކަން ހޯދާފައި ވަނީ ބަނޑޮސް ޓީމުންނެވެ.

މިމަހުގެ 10 އިން 14 އަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ 9 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ ޒުބާ އަހުމަދު ރިޔާޒް އެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ލައިޝާ ފަތުހުﷲ އިސްމާއިލް ހޯދާފައިވާއިރު، މި އުމުރުފުރާގެ ފިރެހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ މުހައްމަދު ޝައްފާން އިސްމާއިލް އެވެ. އަދި މި އުމުރުފުރާގެ އަންހެން ޑަބަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ އައިޝަތު ރަފާ އާއި ލައިޝާ ފަތުހުﷲ އިސްމާއީލް އެވެ.

މުބާރާތުގައި ދެވަނަ ޑިވިޝަންގެ ފިރެހެން ސިންގަލްސް ޗެނަޕިއަންކަން ހޯދާފައި ވަނީ ހުސައިން ޝިފްނާން އެވެ. އަަދި ދެވަނަ ޑިވިޝަންގެ ފިރެހެން ޑަބަލްސް ޗެންޕިއަންކަން އަހުމަދު ޝަޒީލް އާއި އަބްދުﷲ ޝަރީފް ހޯދާފައި ވާއިރު، ދެވަނަ ޑިވިޝަންގެ ފިރެހެން ޗެންޕިއަން ޓީމަކަށް ހޮވިފައި ވަނީ ބީޖީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެންޕިއަންކަން މުއީނާ މުހައްމަދު އާއި އައިޝަތު ނިޝާ ހޯދާފައި ވާއިރު، ފުރަތަމަ ޑިވިޝަންގެ ފިރެހެން ޑަބަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ މޫސާ މުންސިފް އާއި މުހައްމަދު މުންތިފް އެވެ. އަދި ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެންޕިއަންކަން މުއީނާ މުހައްމަދު ހޯދާފައި ވާއިރު، ފިރެހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ މޫސާ މުންސިފް އެވެ.

ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ މޫސާ މުންސިފް އާއި މުއީނާ މުހައްމަދު އެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރެހެން ޗެންޕިއަން ޓީމަކަށް ހޮވިފައި ވަނީ ބަނޑޮސް ޓީމެވެ.