މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު މި އަހަރު އޮކްޓޯބަރު މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު 48 ޕަސެންޓް ދައްވެ، ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ހަތަރު ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ އޮކްޓޯބަރު މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އޮކްޓޯބަރު މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 131.3 މިލިއަން ރުފިޔާގެ މުދަލެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއިން ވަނީ 251.3 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. ހުސްވި އޮކްޓޯބަރު މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ދައްވި މައިގަނޑު ސަބަބެއް ކަމަށް ކަސްޓަމްސް އިން ބުނީ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓް ކުރި ފިނިކުރި ކަޅުބިލަމަހާއި ކަންނެލީގެ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު ދައްވެފައިވާތީ ކަމަށެވެ.

ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރުވެފައިވާ އިރު އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތް ތަކަށެވެ. އެގޮތުން ޖުމްލަ 625.7 މިލިއަން ރުފިޔާގެ ތެޔޮ ވަނީ އެތެރެކޮށްފަ އެވެ. އަދި ދެވަނައަށް ކާބޯތަކެއްޗަށް އެންމެ ބޮޑު ހޭދައެއް ކޮށްފައޮވާ އިރު ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް އަށެވެ.

ނިމިގެންދިޔަ އޮކްޓޯބަރު މަހު ކަސްޓަމްސް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު އަށް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި 158.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރު އޮކްޓޯބަރު މަހު މި އަދަދުވަނީ 170.8 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ހުސްވި އޮކްޓޯބަރު މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައި ވަނީ ފްރާންސަށެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓް ކުރީ އެމެރިކާ އަދި އަޔާލޭންޑަށެވެ.