15 Nov 2014, 11:20
މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި ބައިވެރިވި މީހުންނަށް އެލަވަންސް ދޭން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެމުން ބޯހިމެނުމުގައި ބައިވެރިވި މީހަކު ބުނީ އެމީހުންނަށް އެލެވަންސް ދޭން ފަށައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެލަވަންސްގެ ގޮތުގައި ލިބެނީ 4000 ރުފިޔާ ކަމަށެވެ.
އޭނާ ބުނީ ބޯހިމެނުމުގައި ބައިވެރިވުމުން ދޭންޖެހޭ 4000 ރުފިޔާދޭން ފެށިނަމަވެސް އިތުރުގަޑީގެ ފައިސާ ދިނުމަށް އަދިފަށާފައިނުވާ ކަމަށެވެ.
"އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުގަޑީގެ ފައިސާ ދޭނެކަމަށް ވެސް ބުނި. އެހެންނަމަވެސް އަދި އެ ފައިސާ ދޭން ފަށާފައެއް ނުވޭ،" ބޯހިމެނުމުގައި ބައިވެރިވި މީހަކު ސަން އަށް ކިޔައިދިނެވެ.
އަށް އަހަރަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 އިން 30 އަށް ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި 3،500 އެނިމޭޓަރުން ވަނީ ބައިވެރިވެފަ އެވެ. ބޯހިމެނުމުގައި ބައިވެރިވި މީހުންނަށް އެލަވަންސް ދޭން ފަށާފައި މިވަނީ އެލަވަންސް ނުދީގެން ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.