15 Nov 2014, 10:37
ތިރީގައި އެވަނީ، ޗައިނާއިން ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކްރޫޓާ ގުޅޭ ގޮތުން، ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީގެ ސްޕޯކްސް ޕާސަން ސަންއަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.
ސަން: ޗައިނާގެ އިސްނެގުމެއްގެ ގޮތުގައި ފެނިގެން ދާ 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް މަގުގެ މަޝްރޫއާ ގުޅިގެން، ފަހަކަށް އައިސް ވަރަށް ގިނަ ރިޕޯޓުތައް އެބަ ފެންމަތި ވޭ. މި މަޝްރޫއާ ބެހޭ ތަފްސީލީ ތައާރަފެއް ދެއްވައިފާނަންތޯ؟
ޗައިނާ އެމްބަސީ: ޤަދީމީ ޒަމާނުގައި، ސިލްކް މަގަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިލަދޭ ވިޔަފާރި މަގެއް. އެއިރު ޔޫރޭޝިޔާ ބައްރުގެ ތެރެއިންނާއި، އަދި ޕެސިފިކް ކަނޑާއި އިންޑިޔާ ކަނޑުގައި ވެސް ސިލްކް މަގުގެ ނަމުން ނަން ދެވުނު މަގުތަކެއް އޮތް. އެ މަގުތަކުން ކުރެވޭ ވިޔަފާރި ދަތުރުތަކުގައި ގިނަ އަދަދަކަށް ފަށުވި ފޭރާން ގެންދެވޭތީ އެ މަގުތަކަށް "ސިލްކް މަގު" ކިޔުނު ނަމަވެސް، އެ މަގުތަކަކީ ގިނަ އަދަދެއްގެ މުދާ އެއް ތަނުން އަނެއް ތަނަށް އުފުލޭ، އަދި މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމަށާއި ސަގާފީ ގުޅުންތައް އާލާ ކުރުމަށް ވެސް ވަރަށް ބޮޑަށް ފަހި ކޮށްދިން މަގުތަކެއް.
ޤަދީމީ ސިލްކު މަގު އަލުން ބިނާ ކޮށް، އެ މަގާ ގުޅިފައި ވާ ޤައުމުތަކާއި މީހުންނަށް ގިނަގުނަ ފައިދާތަކާއި މަންފާތަކެއް ހޯދައިދިނުމަށް ޓަކައި، ސީނުގެ ރައީސް ޝީ ޗިންޕިންގ މި މަޝްރޫއުގެ ޚިޔާލު ހުށަހެޅުއްވީ 2013 ވަނަ އަހަރު. އެމަނިކުފާނު ހުށަހެޅުއްވީ ސީނާއި ޤަދީމީ ސިލްކު މަގު ހިއްސާ ކުރާ ޤައުމުތައް ގުޅިގެން "ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް" އާއި "21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް މަގު" ބިނާ ކުރުމަށް (ކުރުކޮށް ކިޔާ ގޮތަކީ "ދަ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް")
ތާރީޚުން ވެސް އަދި 21 ވަނަ ޤަރުނުގައި ދުނިޔެއަށް އަންނަމުން ދާ ބަދަލުތަކުން ވެސް މިފަދަ އިސްނެގުމަކަށް ހިތްވަރު ލިބޭ. މީގެ މަޤުޞަދަކީ ސިޔާސީ ގޮތުން އިތުބާރު އުފައްދައި ވަރުގަދަ ކުރުމާއި، އިޤްތިޞާދީ އެއްބާރުލުން އިތުރު ކުރުމާއި، ސަގާފީ ގުޅުންތަކާއި މީހުންގެ ގުޅުންތައް ހަރުދަނާ ކުރުން. މި މަޤުޞަދުތައް ހާސިލު ކުރެވޭނީ މި މަޝްރޫއުގައި ޝާމިލު ވާ ޤައުމުތައް ގުޅިގެން، ތަރައްޤީގެ ރޮނގުގައި އެންމެންނަށް އާއްމު ލަނޑުދަނޑިތަކަށް ވާސިލު ވުމަށް ކުރެވޭ މަސައްކަތްތަކާއި ސަރަހައްދީ ގުޅުންތަކުގެ ތެރެއިން. "ދަ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ މަޝްރޫއާ ގުޅޭ ޕްލޭންތައް ކުރުމާއި ތަރައްޤީތައް ގެނައުމާއި އޭގެ ފައިދާ އާއި މަންފާ ލިބިގަތުމުގެ ފުރުސަތަކީ ސިލްކް މަގު ހިއްސާ ކުރާ ހުރިހާ ޤައުމުތަކަށް ވެސް އޮތް ފުރުސަތެއް. އެކަމަށް ޗައިނާ މަރުޙަބާ ކިޔާ.
މިފަދަ މަޝްރޫއެއްގެ ފޯކަސް އޮންނާނީ އޭޝިޔާގެ ގައުމުތަކަށް. އެންމެ އިސްކަން ދެވޭނީ ތަރައްޤީގެ ގުޅުންތައް ބަދަހި ކުރުމަށް އޭޝިޔާގައި ކުރެވޭ މަސައްކަތްތަކަށް. ހަމައެހެންމެ، މި މަޝްރޫޢުގެ އެއް ފޯކަސް އަކީ ބިމުގެ މަގުން ޤާއިމު ކުރެވޭ އިޤްތިޞާދީ ކޮރިޑޯ އާއި ކަނޑުމަގުން އިޤްތިޞާދީ އެއްބާރުލުން އިތުރު ކޮށްގެން އޭޝިޔާގެ ޤައުމުތަކުގެ ގުޅުން ބަދަހި ކުރެވޭ ފްރޭމްވޯކެއް ޤާއިމު ކުރުން. ހަމައެހެންމެ، އޭޝިޔާގެ ޤައުމުތަކުގެ ގުޅުން ބަދަހި ކޮށް ވަރުގަދަ ކުރުމުގެ ގޮތުން ދަތުރުފަތުރުގެ އުމްރާނީ އޮނިގަނޑު އެންމެ ޒަމާނީ ފެންވަރަށް ކުރި އަރުވައި ތަރައްޤީ ކުރުމާއި، މީހުންގެ ގުޅުން ބަދަހި ކޮށްގެން އޭޝިޔާގެ އިޤްތިޞާދީ އެއްބާރުލުމުގެ މަޝްރޫޢުތަކަށް ޤައުމުތަކުގެ ރައްޔިތުންގެ ތާއީދު ވަރުގަދަ ކުރުމަކީ ވެސް މި މަޝްރޫޢުގެ އެއް އަމާޒު.
މި އިސްނެގުން އިޢުލާން ކުރެވުނު ފަހުން، އެތައް ޤައުމަކުން އެއަށް ޢަމަލީ ގޮތުން ތާއީދު ކޮށް، ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް ނުވަތަ 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑް ނުވަތަ ދެއެތީގައި ވެސް ބައިވެރި ވެފައި ވޭ.
މީގެ މަދު ހަފުތާތަކެއް ކުރީން، އޭޝިޔާގެ ޖުމްލަ 21 ޤައުމެއް ވަނީ "އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އުފެއްދުމުގެ އެމްއޯޔޫގައި ސޮއި ކޮށްފައި. ސޮއި ކުރި ޤައުމުތަކުގެ ތެރޭގައި ސީނާއި، އިންޑިޔާ އާއި، ބަންގްލަދޭޝާއި، ސިރީ ލަންކާ އާއި، ނޭޕާލާއި، މިޔަންމާރ އާއި، ސިންގަޕޯރާއި މެލޭޝިޔާ ފަދަ ޤައުމުތައް ހިމެނޭ. މި ބޭންކުގެ އިނީޝަލް ސަބްސްކްރައިބްޑް ރައުސުމާލަކީ 50 ބިލިއަން އެމެރިކާ ޑޮލަރު. މަޤްޞަދަކީ ބެލްޓާއި ސިލްކް މަގު ހިއްސާ ކުރާ ޤައުމުތަކުގެ އުމްރާނީ އޮނިގަނޑު ބިނާ ކުރުމަށް ޓަކައި ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރު ކޮށްދިނުން.
މީގެ ދުވަސްކޮޅެއް ކުރީން، އޭޕެކް ސީއީއޯ ސަމިޓާއި، ޑަޔަލޯގް އޮން ސްޓްރެންގތެނިންގ ކަނެކްޓިވިޓީ ޕާރޓްނަރޝިޕް، ސީނުގެ ވެރިރަށް ބެއިޖިންގުގައި ވަނީ ބޭއްވިފައި. ރައީސް ޝީ ޗިންޕިންގ މި ދެ ބައްދަލުވުމުގައި އިއުލާން ކުރެއްވި ގޮތުގައި، ސީނުން ސިލްކް ރޯޑް ފަންޑަށް 40 ބިލިއަން އެމެރިކާ ޑޮލަރުގެ ހިއްސާއެއް ވާނެ. މި ފަންޑުން ވެސް ބެލްޓާއި ސިލްކް ރޯޑުގެ ޤައުމުތަކުގެ އުމްރާނީ އޮނިގަނޑާއި، ވަސީލަތްތަކާއި ސިނާއީ އަދި މާލީ އެއްބާރުލުން އިތުރު ކުރުމުގެ މަޝްރޫއުތަކަށް އިންވެސްޓްމަންޓާއި ފައިސާގެ އެހީތެރިކަން ފޯރު ކޮށްދޭނެ.
ކުރުކޮށް ދަންނަވާ ނަމަ، ސިލްކް ރޯޑް އިކޮނޮމިކް ބެލްޓާއި 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑުގެ މަޤުޞަދަކީ ގުޅިގެން ތަރައްޤީ ވުމާއި، މަގު ހިއްސާ ކުރާ ޤައުމުތަކުގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި، އެ ޤައުމުތަކުގެ ހުރިހާ ރައްޔިތުންނަށް މީގެ ފައިދާ ހޯދައިދިނުން.
ސަން: 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް މަގުގެ މަޝްރޫއުގައި ބައިވެރި ވެވޭނީ ކޮން ޤައުމުތަކަކަށް ތޯ؟
ޗައިނާ އެމްބަސީ: 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް މަގުގެ މަޝްރޫޢަކީ ހުޅުވިފައި ވާ، އަދި އެންމެން ވެސް ޝާމިލު ވާ ގޮތަށް ހިންގޭ އިޤްތިޞާދީ އެއްބާރުލުމުގެ ޙަރަކާތެއް. އެއީ އެއްވެސް މައުޖޫދެއް ނޫން، އަދި އެއީ ވަކި ޤައުމަކަށް ޚާއްސަ ކަމެއް ނޫން. ޝައުގުވެރިކަން ހުރި ކޮންމެ ޤައުމަކަށް ވެސް ބައިވެރި ވެވިދާނެ. އެހެނިހެން ޤައުމުތަކުގެ ބޮޑު ތާއީދާއި ސަރަހައްދީ އެއްބާރުލުމުގެ ދާއިރާ ފުޅާ ވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އެ މަޝްރޫއަކީ އެއް ޤައުމެއްގެ އެއްޗެއް ކަމަކަށެއް ނުވޭ. އެއާ ޚިލާފަށް، އެ މަޝްރޫޢަކީ އޭގައި ބައިވެރި ވެ، އޭގެ ފައިދާ ލިބިގަންނަ ހުރިހާ ޤައުމުތަކެއްގެ އެއްޗެއް.
މިއަދާ ހަމަޔަށް، އާސިޔާނުގެ ގިނަ ޤައުމުތަކާއި ދެކުނު އޭޝިޔާގެ ވަރަށް ގިނަ ޤައުމުތަކުން ވަނީ މި މަޝްރޫޢަށް މަރުޙަބާ ކިޔައި އެ ޤައުމުތަކުގެ ތާއީދު ފޯރު ކޮށްދީފައި، އަދި މި ޤައުމުތަކުން ގެންދަނީ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމާއި ރައްޔިތުންގެ ފާގަތިކަން އިތުރު ކުރުމުގެ މަގުގައި ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރަމުން. 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑު އަބަދުވެސް އޮތީ، އަދި އަބަދުވެސް އޮންނާނީ އެ މަގު ހިއްސާ ކުރާ ހުރިހާ ޤައުމަކަށް ވެސް ހުޅުވިފައި ވާ ފުރުސަތެއްގެ ގޮތުގައި.
ސަން: 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑުގައި ދެކުނު އޭޝިޔާ ޝާމިލު ވާ ގޮތަކީ ކޮބައިތޯ؟
ޗައިނާ އެމްބަސީ: ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތުން، ދެކުނު އޭޝިޔާ އަކީ ޒަމާނުއްސުރެ ވެސް ސިލްކް ރޯޑުގެ މުހިއްމު ބައެއް. ވަރަށް ފަހުން ރައީސް ޝީ ޗިންޕިންގ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ތަޤުރީރުގައި ވެސް ވިދާޅުވި ފަދައިން، ސީނު ބޭނުން ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ޤައުމުތަކާ އެކުގައި ވެސް ސުލްހަޔާއި ހަމަޖެހުމާ އެކު އުޅެ، މި ސަރަހައްދުގެ ތަރައްޤީގައި ވެވޭން އޮތް ހިއްސާއެއް ވާން. ހަމައެހެންމެ، ސީނުގެ އުއްމީދަކީ ބެލްޓާއި ސިލްކް ރޯޑުގެ "ދެ ފިޔަގަނޑުގެ" އެހީގައި ސީނާއި ދެކުނު އޭޝިޔާގެ އިޤްތިޞާދުތަކަށް އުދުއްސައިގަނެވުން.
އިންޑިޔާގައި ދެއްވި ތަޤްރީރުގައި ރައީސް ޝީ ޗިންޕިންގ ވައުދު ވެވަޑައިގަތް ފަދައިން، ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި، ސީނުގެ އަމާޒަކީ ދެކުނު އޭޝިޔާގެ ޤައުމުތަކާ ކުރާ ވިޔަފާރީގެ ޖުމުލަ 150 ބިލިއަން ޑޮލަރަށް މަތި ކުރުމަށާއި، ދެކުނު އޭޝިޔާގެ ޤައުމުތަކުގައި މަދުވެގެން 30 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށާއި، އިތުރު ވަސީލަތްތަކުގެ ގޮތުގައި މި ސަރަހައްދަށް 20 ބިލިއަން ޑޮލަރުގެ އެހީ ދިނުން. ހަމައެފަދައިން، ރައްޔިތުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއި ސަގާފީ ގުޅުންތައް ވެސް ދެކުނު އޭޝިޔާއާ އެކު ބަދަހި ކުރުމަކީ ސީނުގެ އަމާޒެއް. އެގޮތުން، ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި ދެކުނު އޭޝިޔާގެ ޤައުމުތަކަށް 10000 ސްކޮލަރޝިޕް ދިނުމަށާއި، ތަމްރީނުގެ 5000 ފުރުސަތު ދިނުމަށާއި، ތަމްރީނު އެކްސްޗޭންޖްގެ 5000 ފުރުސަތާއި، ޗައިނީޒް ބަސް ކިޔަވައިދޭ 5000 މުދައްރިސުން ތަމްރީނު ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފައި. ހަމައެހެންމެ، "ޗައިނާ-ސައުތު އޭޝިޔާ ޕާރޓްނާރޝިޕް އިނީޝިއޭޓިވް ފޯރ ސައެންސް އެންޑް ޓެކްނޯލޮޖީ" ގެ ނަމުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢެއް ތަންފީޒު ކުރުމަށާއި، ޗައިނާ-ސައުތު އޭޝިޔާ އެކްސްޕޯގެ ހަރަކާތްތައް ހިންގުމަށް ޓަކައި، އަދި ހުރިހާ ޤައުމުތަކަށް ވެސް ފައިދާ ހުރި އައު މަންސަތައް ބިނާ ކުރުމަށް ޓަކައި ވެސް ދެކުނު އޭޝިޔާއާ އެކު ސީނު މަސައްކަތް ކުރާނެ. ކުރުކޮށް ދަންނަވާ ނަމަ، ސިލްކް ރޯޑް އިކޮނޮމިކް ބެލްޓާއި 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑުގެ މަޝްރޫޢާ ގުޅިގެން، އެއްބާރުލައިގެން މަސައްކަތް ކުރުމަށް ޓަކައި ސީނާއި ދެކުނު އޭޝިޔާގެ ޤައުމުތަކަށް ބޮޑެތި ފުރުސަތުތަކެއް ފަހި ވެގެން ދާނެ.
ސަން: 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢާ އެކު ދިވެހިރާއްޖެއަށް ލިބޭނޭ ފައިދާތަކަކީ ކޮބައިތޯ؟
ޗައިނާ އެމްބަސީ: ޤަދީމީ ސިލްކް ރޯޑުގެ ވަސީލަތުން، ސީނާއި ދިވެހިރާއްޖެ އެތައް ޤަރުނެއް ވާންދެން އޮތީ ގުޅިފައި. ސީނުގެ މަޝްހޫރު ދަތުރުވެރިޔާ ޜެންގް ހީ ވަނީ 15 ވަނަ ޤަރުނުގެ ތެރޭގައި، އޭނާގެ ނާފަހަރުތަކާއިގެން ދެ ފަހަރެއްގެ މަތީން ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފައި. ދިވެހިރާއްޖޭގެ ރަސްރަސްކަލުން ސީނަށް ހަމަ އެ ދުވަސްވަރު އެތައް ވަފުދުތަކެއް ފޮނުއްވައިފައި ވޭ. މިއަދުވެސް، ޤަދީމީ ސީނުގެ ޕޯރސެލައިން އާއި ފައިސާފޮތިތައް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ފެންނާން އެބަ ހުރި. މިއީ ދެ ޤައުމުގެ ދެމެދުގައި ޤަދީމީ ޒަމާނުގައި، މެރިޓައިމް ސިލްކް މަގުގެ ޒަރީޢާއިން ތާރީޚީ ގުޅުންތަކެއް އޮތް ކަމުގެ ވަރުގަދަ ހެއްކެއް.
21 ވަނަ ޤަރުނުގައި، އަޅުގަނޑުމެންގެ ގުޅުންތައް ބަދަހި ވެ، އަޅުގަނޑުމެންގެ މުޢާމަލާތުތައް ފުޅާ ވަމުން ދާ ހިނދެއްގައި، 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް މަގު ބިނާ ކުރުމުގައި ސީނާއި ދިވެހިރާއްޖެ ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ތަބީއީ ކަމެއް. އެއީ ކުރީން އޮތް ގުޅުމެއް އަލުން އިޢާދަ ކުރުން. ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް ޢަބްދުﷲ ޔާމީން އޯގަސްޓް މަހު ސީނަށް ކުރެއްވި ދަތުރުފުޅުގައްޔާއި، ރައީސް ޝީ ޗިންޕިންގ ދިވެހިރާއްޖެއަށް ސެޕްޓެންބަރުގައި ކުރެއްވި ދަތުރުފުޅުގައި، ދެ ޤައުމުން ވެސް ވަނީ މި އިސްނެގުމަށް ދެ ޤައުމުން ފުރިހަމަޔަށް ތާއީދު ކުރާކަން އިޢުލާން ކޮށްފައި. އެގޮތުން އެއްބާރުލުމުގެ ވަރަށް މުހިއްމު ލިޔެކިޔުންތަކުގައި ދެ ޤައުމު ވަނީ ސޮއި ކޮށްފައި. އޭގެ ތެރޭގައި "އެގްރީމަންޓް އޮން އެސްޓޭބްލިޝިންގ ދަ ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (ޖޭސީޓީއީސީ) އާއި، ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި އެއްބާރުލުން ޤާއިމު ކުރުމުގެ އެމްއޯޔޫ އާއި، މާލޭ-ހުޅުމާލޭ ބްރިޖް ބިނާ ކުރުމުގެ މަޝްރޫޢު ޕްރޮމޯޓް ކުރުމާ ބެހޭ އެމްއޯޔޫ އާއި، ސިއްހީ ދާއިރާގައި އެއްބާރުލުމާ ބެހޭ އެމްއޯޔޫ ހިމެނޭ.
21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑް ބިނާ ކުރުމުގައި ދިވެހިރާއްޖޭގެ ތާއީދާއި ޢަމަލީ ދައުރުގެ މުހިއްމުކަން ސީނަށް ވަރަށް ރަނގަޅަށް އެނގޭ އަދި އެކަމަށް ސީނު މަރުޙަބާ ކިޔާ. އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި، 21 ވަނަ ޤަރުނުގެ މެރިޓައިމް ސިލްކް ރޯޑް މަޝްރޫޢުގެ ދަށުން ސިލްކް ރޯޑް ފަންޑު ޤާއިމު ވުމާއި، އޭއައިއައިބީ އުފެދުމާއި، އަދި ޗައިނާ-މޯލްޑިވްސް ޖޭސީޓީއީސީގެ ފުރަތަމަ ބައްދަލުވުން ދާދި އަވަހަށް ބޭއްވިގެން ދިޔުމުން، ވިޔަފާރި އާއި އިންވެސްޓްމަންޓުގެ އިތުރު ފުރުސަތުތަކެއް ސީނުން ދިވެހިރާއްޖެއަށް އަންނާނެ. ރައްޔިތުންނާއި ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހި ވެ، ފަތުރުވެރިކަމާއި، ސަގާފަތާއި، ސައެންސާއި، ތައުލީމާއި، ސިއްހީ ދާއިރާ އާއި އިޖުތިމާއީ ތަރައްގީގެ ދާއިރާތަކުގައި އިތުރު ފުރުސަތުތައް ފަހި ވެގެން ދާނެ.
ފަސް އެނބުރި ތާރީޚުގެ ތެރެއަށް ބަލައިލާ އިރު، ސީނާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ވެސް ޤަދީމީ ސިލްކް ރޯޑުގައި ޕާޓްނަރުން. ކުރިމަގާ ދިމާޔަށް މިސްރާބު ޖަހާ އިރު، ސީނާއި ދިވެހިރާއްޖެ ވާނީ އަތާއަތް ގުޅުވައިލައިގެން، 21 ވަނަ ޤަރުނުގެ ސިލްކް ރޯޑް ބިނާ ކުރުމުގައި މަސައްކަތް ކުރާ ދެ ޤައުމަށް. އޭގެ ސަބަބުން މި ދެ ޤައުމާއި، ދެ ޤައުމުގެ އިޤްތިޞާދާއި، ދެ ޤައުމުގެ ރައްޔިތުންގެ ގުޅުންތައް ވަރުގަދަ ވެ އޭގެ ފައިދާ އެންމެންނަށް ވެސް އިތުރު ވަމުން ދާނެ.