އިނގިރޭސިވިލާތުގެ ލޯޑް ބޭޑެން ޕަވަލް އުފެއްދެވި ބޯއީ ސްކައުޓްގެ ހަރަކާތް ފަށައި، ސްކައުޓުންގެ ފުރަތަމަ ޕެރޭޑް ބޭއްވުމާ ގިނަ އަންހެން ކުދިންތަކެއް އެކަމުގައި ބައިވެރިވާން ބޭނުންވި އެވެ. އެކަމަށް އިޖާބަ ދެއްވުމުގެ ގޮތުން 1910 ވަނަ އަހަރު އޭނާ ގާލް ގައިޑިންގެ ހަރަކާތްތައް ފެއްޓެވި އެވެ. އިނގިރޭސިންގެ ވެރިކަން އޭރު އޮތް ތަން ތަނުގައި ފެށުނު އެ ހަރަކާތް މިހާރު މުޅި ދުނިޔެއަށް ވެސް ވަނީ ފެތުރިފަ އެވެ. ރާއްޖެ އަށް ވެސް އެހަރަކާތް ތައާރަފްވެ، ރަނގަޅަށް ހިނގަމުން އަންނަތާ މިހާރު ވަނީ އަހަރުތަކެއް ވެފަ އެވެ.

ސްކައުޓް ހަރަކާތަށް ޝަޢުޤު ވެރިވި އަންހެން ކުދިންނަށް ޓަކައި އުފެދުނު ގާލް ގައިޑިން އާ ހ. ހަތިހާ މަރިޔަމް ފާތިކާ ފަޔާޒް އަށް ގުޅެވުނީ އެފަދަ ޝަޢުޤުވެރިކަމެއް އޮވެގެންނެއް ނޫނެވެ. އެއީ ކޮން ކަހަލަ ކަމެއް ކަން އެނގިގެންނެއް ވެސް ނޫނެވެ. ގިނަ އަންހެން ދަރިވަރުންނެކޭ އެއްގޮތަށް ސްކޫލްގައި ހިނގާ އިތުރު ހަރަކާތެއްގައި ބައިވެރި ވުމަށެވެ.

"... އެންމެ ފުރަތަމަ ގަލޮޅު މަދަރުސާގައި އުޅުނު އިރު "ސްޓާ" އަށް، އެއީ ގައިޑުގެ އެންމެ ފުރަތަމަ މަރުހަލާއަށް ވަނީ. އޭރު އެއްގޮތަކަށް ވެސް ނޭނގޭ އެއީ ކޮން ކަހަލަ ހަރަކާތެއް ކަމެއް،" ގާލް ގައިޑިން ހަރަކާތާ ގުޅުނު ގޮތް " ސަން" އަށް ކިޔައިދެމުން ފާތިކާ ބުންޏެވެ.

އޭނާ ބުނީ "ސްޓާ" އަށް ވަނުމުން ކުރަން ޖެހުނު ކަންތައްތަކުން އެ ހަރަކާތަށް ޝަޢުޤުވެރިކަން އުފެދުނު ކަމަށެވެ. އެ ޝައުގުވެރިކަމުގައި ހުއްޓައި އޭނާގެ ކިޔެވުން އިސް ކަންދަރު ސްކޫލަށް ބަދަލުވި އެވެ. ގައިޑިންގެ ދެވަނަ މަރުހަލާ ކަމަށްވާ "ލިޓުލްމެއިޑް" އަކަށް އޭނާ ވީ އެހިސާބުންނެވެ. އޭނާ އެންމެ ބޮޑު މަސައްކަތެއް ކުރީ އޭރު އެވެ. އެގޮތުން ލިޓުލް މެއިޑަކު ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް އޭނާ ކުރިއެވެ. ހޯދަން ޖެހޭ ހުރިހާ ތަމްރީނެއް ހޯދިއެވެ. ހާސިލު ކުރަން ޖެހޭ ހުރިހާ ބެޖެއް ވެސް ހާސިލު ކުރިއެވެ.

ފަށާ ތައުލީމުގެ މަރުހަލާ ނިންމާލައި، ސާނަވީ ތައުލީމު ހާސިލު ކުރުމަށް އަމީނިއްޔާ ސްކޫލަށް ވަތް އިރު ގައިޑިންގެ ހަރަކާތަށް ފާތިކާ ހުރީ އާދަޔާ ހިލާފު ޝައުގުވެރިކަމެއް އުފެދިފަ އެވެ. އެ ސްކޫލަށް ވަދެވުމުން އޭނާ އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އެ ހަރަކާތާ ގުޅުމެވެ. މިދިޔަ ޖުމްހޫރީ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން "ޕްރެޒިޑެންޓްސް ގައިޑް" (ރައީސްގެ ގައިޑު)ގެ ބެޖް ހާސިލު ކުރުމަށް ކުރި މަސައްކަތް ފުރިހަމައަށް ފެށުނީ ހިސާބުންނެވެ.

އަމީނިއްޔާގައި ހޭދަކުދި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ހިންގި ގާލް ގައިޑިންގެ ހުރިހާ ހަރަކާތެއްގައި ހެން އޭނާ ބައިވެރިވި އެވެ.

"އޭރު ނެޝަނަލް ލެވެލްގައި ބޭއްވި ހުރިހާ ކޭމްޕެއްގައި ވެސް ބައިވެރިވީން. އެއީ ޕެޓްރޯ ލީޑާސް ޓްރެއިނިން އާ އެންވަޔަރްމެންޓް ކޭމްޕާ،" ގައިޑިންގައި ހޯދި ކާމިޔާބީތައް ކިޔައިދެމުން ފާތިކާ ބުންޏެވެ.

އޭނާ ވަނީ ރާއްޖެ އިން ބޭރުގައި ބައިނަލްއަގުވާމީ ފެންވަރެއްގައި ބޭއްވި ބައެއް ހަރަކާތްތަކުގައި ވެސް ބައިވެރިވެފަ އެވެ. އެގޮތުން ހޮންކޮންގައި ބޭއްވި ޖަމްބަރީއަކާއި ފިލިޕީންސްގައި ބޭއްވި ޖަމްބަރީއެއްގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ. އެ ދެ ޖަމްބަރީ އިން ލިބުނު ބެޖުތަކުގެ އިތުރުން ވެސް އޭނާ ވަނީ 25 ބެޖް ހާސިލުކޮށްފަ އެވެ.

"... އޭގެ އިތުރުން ވެސް އޮންނާނީ 25 ބެޖް، އެއީ ޕްރޮފިސެންސީ ބެޖް ހާސިލުކޮށްފައި. އެއީ އަމިއްލަ ޝައުގުވެރިކަން ހުރި ދާއިރާތަކުން،" އޭނާ ބުންޏެވެ.

ގާލް ގައިޑިންގެ އެންމެ މަތީ ހަރުފަތަށް ދިއުމަށް އޭނާ މަސައްކަތް ފެށީ އެހިސާބުންނެވެ. އެންމެ ފުރަތަމަ ވެސް އޭނާ ބޭނުންވީ ޕްރެޒިޑެންޓްސް އެވޯޑް ހާސިލު ކުރުމަށެވެ. ނަމަވެސް އެކަމަށް މަސައްކަތް ކުރުމަށް ޓަކައި އިތުރު މަރުހަލާއެއް ކަޑައްތު ކުރަން ޖެހޭ ކަން ދެން އެނގުނެވެ.

ފާތިކާ ދެކޭ ގޮތުގައި ޕްރެޒިޑެންޓްސް ގައިޑްގެ އެވޯޑް ލިބުމަކުން ގައިޑިން ކެރިއާ އަދި ނުއެއް ނިމެ އެވެ. އޭނާ ދެކޭ ގޮތުގައި އެއީ މަސައްކަތް އިތުރަށް ކުރަން ޖެހޭނެ ކަމެކެވެ.

"... ދެން އަޅުގަނޑު ޖެހޭނެ އެހެން އެންމެންނަށް ނަމޫނާއެއްގެ ގޮތުގައިވާން. ދެން ޕްރެޒިޑެންޓް ގައިޑް ލިބުނީމާ މިހިސާބުން އަދި ގައިޑިން ކެރިއާ ނިމުނީއެއް ނޫން. މިހިސާބުން އަދި އިތުރަށް މަސައްކަތް ކުރަން ޖެހޭނެ. ހުރިހާ ކަމެއްގައި ވެސް އިސް ދައުރެއް އަދާކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ލިބުނު ޝަރަފާ އެކު އުފުލަން ޖެހޭ ޒިންމާ ކަމަށް ފާތިކާ ދެކޭ ކަންތައްތައް ކިޔައިދެމުން އޭނާ ބުންޏެވެ. އޭނާ ބުނީ ލިބުނު ޝަރަފުގެ ފޮނިކަން އިހުސާސްވާނީ އޭރުން ކަމަށެވެ.

މެލޭޝިއާގައި މިހާރު މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ފާތިކާ ބުނީ ގައިޑިން ހަރަކާތުގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައި ކަމަށެވެ. އެގޮތުން ދަސްވީ އެންމެ މުހިއްމު ކަމަކީ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރަން ދަސްވުން ކަމަށް އޭނާ ބުންޏެވެ.

އެހެން ގައިޑުންނަށް އޭނާ ދޭން ބޭނުންވާ ނަސޭހަތެއްވެ އެވެ. އެއީ ކުރިމަތިވާ ދަތި އުނދަގޫތަކަށް ކެތް ކޮށްގެން ކުރިއަށް ދިއުމަށް ދޭ ނަސޭހަތެވެ.

".. ކޮންމެ ކަމެއްގައި ވެސް އަންނާނޭ ދަތިދަތަކެއް. އެ ދަތިތަކާ ކުރިމަތިލާށޭ ޖެހޭނީ. އެ ދަތިތަކާ ކުރިމަތިލައިގެން ކުރިއަށް ދާށޭ ޖެހޭނީ،" ރާއްޖޭގެ ގާލް ގައިޑުންނަށް އޭނާ ދޭނެ ނަސޭހަތަކީ މި އެވެ.