28 Jan 2011, 14:25
ލާހޯރު : ޕާކިސްތާނުގައި ހުންނަވާ އެމެރިކާގެ ޑިޕްލޮމޭޓަކު ފިސްތޯލައަކުން އިއްޔެ ޙަމަލާދީ ޕާކިސްތާނުގެ މީހަކު މަރާލައިފިއެވެ. މަރުވި މިމީހާއަކީ، މިޑިޕްލޮމޭޓަށް ގޯނާކުރުމަށް މަސައްކަތްކުރި މީހެއް ކަމަށް ޑިޕްލޮމޭޓާ ހަވާލާދީ ލާހޯރުގެ ފުލުހުން ބުނެއެވެ. ނަމަވެސް މިޙާދިސާއާ ގުޅިގެން ހިނގި ކާރުއެކްސިޑެންޓެއްގައި ޕާކިސްތާނުގެ އިތުރު މީހަކުވެސް މަރުވިއެވެ. މިމީހާ މަރުވީ އެމެރިކާގެ ޑިޕްލޮމޭޓްގެ އެދުމުގެ މަތިން އޭނާއަށް އެހީތެރިވުމަށް ލާހޯރުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުން ފޮނުވި ކާރެއް އާދަޔާ ޚިލާފް ބާރުމިނެއްގައި އައިސް މަގުމަތިންދިޔަ މިމީހާގެ ގައިގައި ޖެހި އެކްސިޑެންޓް ވެގެންނެވެ.
އެމެރިކާގެ ޑިޕްލޮމޭޓާ ޙަވާލާދީ ޕާކިސްތާން ފުލުހުން ބުނިގޮތުގައި އެމެރިކާގެ ޑިޕްލޮމޭޓް ފިސްތޯލައިން ޙަމަލާދިނީ ލާހޯރުގެ މަގެއްގައި އޭނާގެ ކާރުގައި ދަތުރުކުރަމުން ގެންދަނިކޮށް މޮޓޯ ސައިކަލެއްގައި އައި ދެމީހަކު އޭނާގެ ކާރަށް ގޯނާކޮށް ދުއްތުރާ ކުރުމުގެ ސަބަބުން އަމިއްލަ ނަފްސުގެ ދިފާޢުގައެވެ. ނަމަވެސް އެމެރިކާގެ ޑިޕްލޮމޭޓް ހަތިޔާރު ގެންގުޅެންޖެހުނު ސަބަބާއި އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމަށްބުނެ ޕާކިސްތާނުގެ ބިމުގައި ޕާކިސްތާނުގެ ރައްޔިތަކަށް ޙަމަލާދީ އެމީހާ މަރާލުމުން ޖިނާއީ އެތަށް ސުވާލެއް ވަނީ އުފެދިފައެވެ.
ޕާކިސްތާނުގެ ޤާނޫނުތައް ބުނާގޮތުން ބޭރުގެ ޑިޕްލޮމޭޓުންނަށް ޙިމާޔަތް ދޭންޖެހޭނީ އެޤައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުންނެވެ. ޑިޕްލޮމޭޓުން އަމިއްލައަށް ހަތިޔާރު ހޯދައިގެން ހަނގުރާމަކޮށްގެން ޙިމާޔަތް ހޯދާކަށް ނުޖެހޭނެއެވެ. އެމެރިކާގެ ހަރުކަށިކަމާއި ބޮޑާ ކަމާގުޅިގެން ޕާކިސްތާން ރައްޔިތުންގެ ހިތްތަކުގައި ކުރީއްސުރެ އެމެރިކާގެ މައްޗަށް އުފެދިފައިވާ ރުޅިވެރިކަމާއި ހަސަދަ މި ޙާދިޘާގ ސަބަބުން އިތުރުވެ އެމެރިކާ މީހުންނާ ދެކޮޅަށް ބަދަލުހިފުމުގެ ރޫޙު، ޕާކިސްތާނުގައި ބޮޑުވެގެންދާނެ ކަމަށް އިސްލާމް އާބާދުގައި ހުންނަވާ ބީބީސީ ގެ މުރާސިލް ލަފާކުރައްވައެވެ.
މިޙާދިސާއާ ގުޅިގެން ޕާކިސްތާނުގެ ޢާންމުންގެ އެތަށްބަޔަކު އެމެރިކާގެ ޑިޕްލޮމޭޓްގެ ކާރާއި އެމެރިކާގެ ކޮންސިއުލޭޓްގެ ކާރު ހުއްޓުވައި ޑިޕްލޮމޭޓްގައި ތަޅާގަތުމަށް މަސައްކަތްކުރިނަމަވެސް ފުލުހުންވަނީ ޑިޕްލޮމޭޓް ޙިމާޔަތް ކޮށްގެން ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންގޮސް އެނާއާ ސުވާލުކޮށް މިމައްސަލަ ތަޙްޤީޤް ކުރަންފަށާފައެވެ. -- ބީބީސީ