15 Nov 2014, 09:25
ބޮގޮޓާ (ނޮވެމްބަރު 15) : ކޮލަންބިޔާގެ ޚާރިޖީ ވަޒީރާ މާރިޔާ އެންގްލިޔާ ހޮލްގްވިން ފަލަސްތީނަށް ކުރައްވަން މަސައްކަތް ކުރެއްވި ދަތުރުފުޅެއް އިސްރާއީލުން ހުއްޓުވައިފި އެވެ.
މިކަން ކުށްވެރިކޮށް ކޮލަންބިޔާގެ ޚާރިޖީ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާރިޔާ އެންގްލިޔާ ފަލަސްތީނުގެ ރާމަﷲ އަށް ޒިޔާރަތް ކުރެއްވުމަށް މަސައްކަތްކުރެއްވުމުން އެކަމަނާ އަށް ވިސާ ދިނުމަށް އިސްރާއީލުން ދެކޮޅު ހަދާފައިވާ ކަމުގަ އެވެ. ރާމަﷲ އަކީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ މައިމަރުކަޒުތައް ހުންނަ ހުޅަނގު އައްސޭރީގެ ރަށެކެވެ. ހުޅަނގު އައްސޭރިއަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފައި އިސްތިއްމާރުކޮށްފައިވާ ސަރަހައްދެކެވެ. އެހެންކަމުން ހުޅަނގު އައްސޭރީގެ އެއްވެސް ސަރަހައްދަކަށް ބޭރުގެ ފަރާތަކުން ޒިޔާރަތް ކުރުމުގެ ހުއްދަ ނުވަތަ ވިސާ ދެނީ އިސްރާއީލުންނެވެ. ކޮލަންބިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މާރިޔާ އެންގްލިޔާ ރާމަﷲ އަށް ޒިޔާރަތް ކުރެއްވުމަށް މަސައްކަތްކުރެއްވީ ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އާއި ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ އާ ބައްދަލުކުރެއްވުމަށެވެ.
ކޮލަންބިޔާއަކީ ކުރިން އިސްރާއީލާ ވަރަށް ބަދަހި ގުޅުންތައް ގާއިމްކޮށްފައިވާ ގައުމެއް ނަމަވެސް އެގައުމުން މިހާރު ވަނީ އިސްރާއީލާއެކު ބާއްވާ ގުޅުންތައް ކޮންމެވެސް ވަރަކަށް ކުޑަކޮށްފަ އެވެ. ކޮލަންބިޔާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެގައުމުގެ ޚާރިޖީ ވަޒީރާ މާރިޔާ އެންގްލިޔާގެ އަރިހުން އިސްރާއީލުގެ ޚާރިޖީ ވަޒީރު އިވިގިޑޯރ ލިބަރމެން އެދިވަޑައިގަތީ ފަލަސްތީނަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން އިސްރާއީލަށް ޒިޔާރަތް ކުރެއްވުމަށެވެ. ފަލަސްތީނަށް ޒިޔާރަތް ކުރެއްވުމުގެ ވިސާ މާރިޔާއަށް ނުދިނުމަށް އިސްރާއީލު ސަރުކާރުން ނިންމީ އިސްރާއީލަށް ޒިޔާރަތް ކުރެއްވުމަށް މާރިޔާ އެންގްލިޔާ ދެކޮޅު ހެއްދުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަތާ ބައިގަރުނު ވާން ކައިރިވެފައިވާއިރު ވެސް އެބިންތަކުން ފޭބުމަށް އިސްރާއީލު ދެކޮޅު ހަދަމުން ގެންދިޔުުގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައި ގެންދަނީ ވަޒަންވެރި ކުރުވަމުންނެވެ. މީގެ އިތުރުން ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނުދިނުމާއި މިނިވަންކަމަށް ފަލަސްތީނުގެ ރައްޔިތުން ކުރަަމުންގެންދާ ޖިހާދު ހުއްޓުވުމަށްޓަކައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ހަރުކަށި އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި އުދުވާނުގެ ސަބަބުން ލެޓިންއެމެރިކާގެ ގައުމުތަށް ވެސް މިހާރުވަނީ ފަލަސްތީނަށް ހަމްދަރްދީ ވާންފަށާފަ އެވެ.
އިސްރާއީލުން އެންމެފަހުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގާ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ޔޫރަޕްގެ އާންމުންގެ ހިތްތަކުގައިވެސް އިސްރާއީލުގެ ސޫރަ ވަރަށް ބޮޑަށް ހުތުރުވެ އިސްރާއީލަކީ އަނިޔާވެރި ގައުމެއްގެ ގޮތުގައި ސިފަކުރެވެން ފަށާފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފަ އެވެ. މިގޮތުން ޔޫރަޕްގެ އާންމުންގެ ތެރެއިން ތިންބައިކުޅަ ދެބައިމީހުން އިސްރާއީލަކީ އަނިޔާވެރި އަދި ފަލަސްތީނުގެ ހައްގުތަކަށް އަރައިގަނެގެން އުޅޭ ހަރުކަށި ގައުމެއްގެ ގޮތުގައި މިހާރު ދެކޭކަން ދާދިފަހުން ކުރި ސާވޭއަކުންވެސް ވަނީ ހާމަވެފަ އެވެ.
އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއް ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ކޮލަންބިޔާއަކީވެސް ކުރިން އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރި ގައުމެކެވެ. ނަމަވެސް ޣައްޒާގެ ހަނގުރާމައިގެ ދުވަސްވަރު ކޮލަންބިޔާއިންވަނީ އިސްރާއީލުގެ އަނިޔާވެރިކަމަށް ފާޅުގައި ފާޑުކިޔައި ފަލަސްތީނަށް ހަމްދަރްދީވާކަން ހާމަކޮށްފަ އެވެ. ކޮލަންބިޔާގެ ޚާރިޖީ ވަޒީރާ ފަލަސްތީނަށް ކުރައްވަން ގަސްދު ކުރައްވި ދަތުރުފުޅު އިސްރާއީލުން ހުއްޓުވުމުން އެކަމާނާ އިއްޔެވަނީ އުރުދުންއަށް ވަޑައިިގެން ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ އާ ބައްދަލުކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)