15 Nov 2014, 09:11
އިންޑޮނޭޝިއާގެ ކައިރީގައިވާ މޮލަކާ ކަނޑުގެ އަޑިއަށް ރިކްޓަމިންގަނޑުން 7.3 ގެ ބާރު މިނުގައި ބިންހެލުމެއް އައުމުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރުދީފި އެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ދިން އިންޒާރުގައި ބުނެފައި ވަނީ ބިންހެލުން އައި ސަރަހައްދުން ފެށިގެން 300 ކިލޯ މީޓަރުގެ ރޭޑިއަސް އަކަށް ނުރައްކާތެރި ރާޅުތަކެއް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތުން ސުނާމީގެ އަސަރުކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އިންޑޮނޭޝިއާގެ އިތުރުން ފިލިޕީންސާއި ޕަލާއޫއާއި ޕަޕުއާނިއުގިނީއާއި ޖަޕާނާއި ޓައިވާނަށެވެ.
އަދި ބުނެފައި ވަނީ ސުނާމީގެ ފުރަތަމަ ރާޅުތައް އަރާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ އަރާ ރާޅުތަކަކީ އެންމެ ބޮޑެތި ރާޅުތަކަށް ނުވެދާނެ ކަމަށް ވެސް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައި ވަނީ ބިންހެލުން އައީ މޮލަކާ އައިލެންޑްސްގައިވާ ކޮޓާ ޓާނޭޓް ނަމަކަށް ކިޔާ ރަށުގެ ހުޅަނގު އުތުރުން 46 ކިލޯ މީޓަރު ބޭރުން ކަނޑުގެ އަޑިއަށް ކަމަށެވެ.
ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނުލިބޭ ކަމަށް ބީބީސީ ބުންޏެވެ.