15 Nov 2014, 01:12
ބަޔަކަށް ނުވަތަ މީހަކަށް ލިބޭ ކާމިޔާބީ އަކީ ނާކާމިޔާބުގެ ތަޅުދަނޑި އަށްވެސް ވެދާނެ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ނާކާމިޔާބީ އަކީ ކާމިޔާބުގެ ތަޅުދަނޑި ކަމުގައި ގިނަ ބަޔަކު ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަކީ ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާ ކަމެއް ކަމަށްވެސް ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ، ބަޔަކަށް ކާމިޔާބު ލިބުމުން އެކަމާ ބޮޑާވެ ގަނެ އެކަމުގައި ދެމިތިބުމުގެ ޝުއޫރަކީ އިންސާނުންނަށް ވަރަށް ފަސޭހައިން އަންނަ ޝުއޫރެއް ކަމަށެވެ.
"ނާކާމިޔާބީ އަކީ ކާމިޔާބު ވުމުގެ ސިއްރު ކަމުގައި ނުވަތަ ތަޅުދަނޑި ކަމުގައި ނުވަތަ ކާމިޔާބު ވުމަށް މަގުފަހި ކޮށްދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވަނީ ތަޖުރިބާ ކުރެވިފައި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އޭގެ އިދިކޮޅަކީވެސް ހަގީގަތަކަށް ވެދާނެކަމަށް އަޅުގަނޑުމެން ދަންނަމާތޯއޭ." ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާވާ ރޭވުންތަކަށް ފުރިހަމަ ގޮތެއްގައި އިޖާބަދޭ ބަޔަކަށް ޕީޕީއެމް ވާންޖެހޭ ކަމަށެވެ. ޕީޕީއެމްގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ނައްތާލުމަށް ނުވަތަ ޕީޕީއެމް ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުން ރާވާ ރޭވުންތަކަށް ސަމާލުވެ އެ ރޭވުންތަކަށް އެކަށީގެންވާ ގޮތުގެ މަތިން އަޅުގަނޑުމެން އިޖާބަދޭ ފަރާތަކަށް ޕީޕީއެމްވާން އެބަޖެހޭ. އަޅުގަނޑު މިހެން މިދެންނެވީ އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެކުވެރިކަން ރޫޅާލުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ނަފްރަތު އުފެއްދުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ޕީޕީއެމްއަށް ލިބުނު ކާމިޔާބީތަކުގެ ސިއްރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ޕީޕީއެމްއަށް ކާމިޔާބުވުމުގެ ސިއްރަކީ ޕީޕީއެމްގެ ފިކުރަކީ ދިވެހިރައްޔިތުންގެ ގައުމީ ފިކުރު ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެދުނީ، 27 އޮކްޓޯބަރު 2011 ވަނަ އަހަރު އެވެ. އެޕާޓީން މިހާތަނަށް ވާދަކުރި 28 ބައި އިލެކްޝަނުން 21 ބައި އިލެކްޝަނެއް ކާމިޔާބު ކޮށްފައިވާ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި 32،000 އަށްވުރެ ގިނަ މެންބަރުން ތިބި ކަމަށާއި އެ އަދަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތައް ޕްރޮގްރެސްވެ ނިމުމުން 60،000އަށް އަރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އެރުވުން އެއީ ޕީޕީއެމްގެ އަމާޒު ކަމަށް އެޕާޓީން ބުންޏެވެ.