15 Nov 2014, 00:53
ރައްޔިތުންނާ މެދު އަނިޔާވެރި ވެއްޖެނަަމަ މި ސަރުކާރުވެސް ވެއްޓުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ، "ޕީޕީއެމް ކާމިޔާބު 3"ގެ ނަމުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ވެއްޓެން މެދުވެރިވީ، ދުސްތޫރުން ކަށަވަރުކޮށްދޭ މިނިވަންކަމާއި ތިން ބާރުގެ ނިޒާމް ކަށަވަރު ނުކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެފަދައިން މި ސަރުކާރުން ކަންތައް ނުކުރާނަމަ މި ސަރުކާރު ވެއްޓުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުނގަޑުމެން އަނިޔާވެރި ވެއްޖެނަމަ ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭ ފަދަ ކަންތައްތަކެއް ތަހައްމަލުކުރަން ޖައްސައިފިނަމަ، އަޅުނގަޑުމެންގެ ދަތުރުވެސް މިދެންނެވި [އެމްޑީޕީގެ ސަރުކާރު ވެއްޓެން މެދުވެރިވި] ދަތުރާ މާ ދުރު ހިސާބަކު ނޫން އޮންނާނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އޭރު އޮތް އެމްޑީޕީގެ ސަރުކާރާ އިދިކޮޅަށް ޕީޕީއެމްއާއި އެޕާޓީއާ ގުޅުނު ޕާޓީތަކުން އިހުތިޖާޖު ކުރީ ގާނޫނީ ސަރުކާރު ވައްޓާލުމަށް ނޫން ކަމަށެވެ. އަދި އޭރު ދިވެހި ރައްޔިތުން ތަހައްމަލުކުރަން ޖެހުނު ވޭނާއި ހިތްދަތިކަމަށް ދިވެހި ރައްޔިތުން އަލުންދާން ބޭނުން ނުވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އޭރުވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އިރުވެސް ދަންނަވަމުން ގެންދިޔައިން، މިއަދުވެސް އަޅުނގަޑުމެން ދަންނަވަން ބޭނުންވަނީ އޭރު ކުރި މަސައްކަތަކީ އޭރުކުރި އިހްތިޖާޖަކީ އެއްވެސް ހާލެއްގައި އޭރުއޮތް ސަރުކާރުގެ ގާނޫނި ނުވަތަ ދުސްތޫރީ މަސްއޫލިއްޔަތު ވައްޓައިލާން ކުރި މަސައްކަތެއްނޫން،" ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގައި އޮތް ސިޔާސީ މިނިވަންކަން މުޅި ވުޖޫދުން ފޮހެވިގެން ގޮސް ރައްޔިތުންނަށް ނާމާންކަމާއި ބިރުވެރިކަން ތަހައްމަލުކުރަން ޖެހުނު ކަަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމް އުފެދިގެން އައީ އޭރު އޮތް ނާމާންކަމާއި ހިތްދަތިކަމުން ސަލާމަތްކޮށް ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނަށް ވެސް އަމާންކަމާއެކު އުޅެވޭނެ ތަނަކަށް ރާއްޖެ ހެދުމަށް ކަމަށެވެ.
އެގޮތުން ޕީޕީއެމްއަކީ ސުލްހައަށް ލޯބިކުރާ، ކުރިއަށްދާން އަޒުމު ހުރި ޕާޓީއެއް ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންތައް ފޯރުކޮށްދޭން ހިތްވަރާއެކު މަސަތްކުރާ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުނގަޑުމެން ދަންނަވަން ބޭނުންވަނީ ރައްޔިތުންގެ ސަލާމަތާއި ދީނުގެ ހިމާޔަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ގާނޫނު އަސާސީގެ ބާރުވެރިކަން ދެމެހެއްޓުމަށް ގިނަ ރައްޔިތުންނަށް އެންމެ ގަބޫލުކުރެވޭ ގޮތެއްގައި ދަތުރުކުރާ ޕާޓީއަކީ އަޅުނގަޑުމެންގެ ޕްރޮގްރެސިވް ޕާޓީއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.