15 Nov 2014, 00:33
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ތައްޓަށް ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ އީގަލްސް އަތުން 1-0 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ހާފް ނިއުއިން ފައްޓާފައި ވަނީ ވަރުގަދަ ކޮށެވެ. މި ހާފުގައި ނިއު އިން ގޭމް ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ހާފު ނިމިގެން ދިޔައިރު ވެސް އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވި އެވެ. މެޗުގެ 21 ވަނަ މިނިޓުގައި ނިއުއިން އީގަލްސްގެ ގޯލް ދަނޑި ގުޑުވާލާފައި ވާއިރު، އީގަލްސްއިން ވެސް ވަނީ އޭގެ ޖަވާބުގައި ރަނގަޅު ހަމަލާއެއް އުފައްދާފައެވެ.
ހާފްގެ ފަހުކޮޅުގައި ނިއުގެ ބިދޭސީ ދެ ކުޅުންތެރިން އީގަލްސްގެ ގޯލަށް ހަމަލާތަކެއް އުފައްދާފައި ވާއިރު، އެ ހަމަލާތައް ވަނީ ގޯލަށް އަމާޒު ވާގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފް ފެށުނުތާ އިރުކޮޅެއްތެރޭ ނިއުއިން ވަނީ އެޓީމްގެ ފުރަތަމަ ބަދަލު ގެނެސްފައެވެ. އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަންޕު) ކުޅެން އެރިތާ ކުޑަ އިރުކޮޅެއްތެރޭ ނިއުއިން ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ނިއުއަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަހުމަދު ނިޔާޒް (ނިޔާ) ނަގައިދިން ހުރަހަކުން އެ ޓީމްގެ މުޙައްމަދު އުމެއިރު އެެވެ.
މި ލަނޑާއެކު މެޗު އިތުރަށް ހޫނުވެގެން ދިޔައިރު، ދެ ޓީމްގެ ފަރާތުން ފެނުނު ވާދަވެރިކަންވެސް ވަނީ އިތުރު ވެފައެވެ. ނަމަވެސް މެޗުގެ ކާމިޔާބީ ނިއު ކޮޅަށް ބުރަވެގެން ދިޔައީ 80 ވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު ރަޝީދުއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑެއް ދައްކާފައި ވަނީ މުހައްމަދު ޝިފާން (ކުޑައްޓޭ)އަށް ކުރި ފައުލްގެ ތެރޭން، އޭނާ ކުޑައްޓޭގެ މޭމައްޗަށް އެރުމުންނެވެ.
މެޗުގެ ފަހު ވަގުތުކޮޅު އީގަލްސް ގެ ހާފް ތޭރޭން ގިނައިރު ބޯޅަ ފެނިފައި ވީނަމަވެސް، ނިއުއަށް ވަނީ ލީޑް އިތުރަށް ފުޅާ ކުރެވޭގަތް ނުވެފައެވެ.
މިރޭގެ ކާމިޔާބީއާ އެކު މިފަހަރުގެ ދިވެހި ލީގްވެސް ކަމިޔާބު ކޮށްފައިވާ ނިއު އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، އެ ޓީމް ވަނީ މުޅިއެކު 11 ފަހަރު މި ތަށި ކާމިޔާބު ކޮށްފައެވެ.