ރާއްޖެއަށް އެންމެ ބޮޑަށް އެހީވާ ގައުމުތަކާ މެދު އިދިކޮޅު ޕާޓީން ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަންކުޑަ ގޮތެއްގައި ދައްކާ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް އެހީވާ ގައުމުތަކާއެކު ގުޅުންބަދަހިކުރުމަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލުކުރުމަށް، ރައްޔިތުން ގެނައި ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

"ރާއްޖެއަށް ދުނިޔޭގަ އޮތް އެންމެ ބޮޑު ބާރުތަކުގެ ތެރެއިން އެއްބާރެއްގެ ރައީސަކު ވަޑައިގަތް ރާއްޖެއާ ދޭތެރޭގައި ކަމޭ ހިތްތަވާ، ރާއްޖޭގައި މިތިބި ނިކަމެތި ރައްޔިތުންގެ މުސްތަގްބަލް ކުރިއަށް ގެންދިއުމަށްޓަކައި ބޮޑެތި ހަދިޔާތަކައި އިނާޔަތްތައް ދެއްވާ ވާހަކަދެއްކެވީމަ، ކޮންކަހަލަ ވިޔާނުދާ ވާހަކަތަކެއްތޯ މިދައްކަވަނީ. މިއީތޯ ޒިންމާދާރުކަމާއެކު ސިޔާސީ ޕާޓީ ހިންގާ ގޮތަކީ؟،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައީސް އެމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ޗައިނާ އިން ތަރައްގީ ކުރަން މަސައްކަތްކުރާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް އާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހާރިޖީ ވަޒީރު ދުންޔާ މައުމޫން ދެއްކެވި ވާހަކަފުޅުގައި އިތުރުފުޅު ހައްދަވާފައި ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ.

އެމްޑީޕީން ބުނެފައިވަނީ، ސިލްކް ރޫޓާ ބެހޭ ގޮތުން ދުންޔާ އިތުރު ފުޅު ހައްދަވައި އަދި ގަސްތުގައި ގާނޫނާއި ޚިލާފު ވެވަޑައުގެފައިވާ ކަމަށާއި އެކަމަނާ މަގާމުން ދުރުކުރުމަށްޓަކައި، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ޕީޕީއެމްއަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވުމަށްފަހު، ރާއްޖޭގެ ކަންތައްތައް ނައަމާންކަމުގެ ތެރެއަށް ގެންދިޔުމަށް އެމްޑީޕީން އަޑުއުފުލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުނގަޑުމެންނަށް ކަންތައް ހަޖަމް އެބަކުރެވޭ. އަޅުނގަޑުމެންނާއި ދިމާލަށް ރައްދުވާ ކޮންމެ ކަމެއް ތަހައްމަލު މިކުރަނީ. އަޅުނގަޑުމެންގެ އެޖެންޑާއަކީ އެޔަށް ޖަވާބު ދިނުމެއް ނޫން. އަޅުނގަޑުމެންގެ އެޖެންޑާއަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.