ވަގަށް ނަގާފައިވާ ފޯނުތަކެއް ވިއްކަން އުޅުނު މީހަކު ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އޮފް ޑިއުޓީގައި ހުރި ފުލުހެއްގެ އެކަނި މަސައްކަތުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނިގޮތުގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު، ވަގަށް ނަގާފައިވާ ފޯނުތަކެއް ވިއްކަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާޖަންޓް ޔަމަން އަލީ، އޭނާގެ އޮފް ޑިއުޓީގައެވެ.

"ހުޅުމާލެ އޯކިޑް ލޮޖް ގެސްޓް ހައުސް ކައިރީގައި މީހަކު ވަގަށް ނަގާފައިވާ ފޯންތަކެއްކަމަށް ބެލެވޭ ފޯންތަކެއް ވިއްކަން އުޅެނިކޮށް ފެނިގެން އޭނާ ހިފަހައްޓައި ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޙަވާލު ކުރި،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެވަގުތު އެމީހާ ވިއްކަން ގެންގުޅުނު ދެ ފޯނަކީވެސް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ފޯނުތަކެއް ކަމަށެވެ.

އެމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިޔަށް ގެންދިއުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރު ކުރި މީހާއަކީ 38 ފަހަރު ހުއްޓުވައި ބަލައި ފާސްކޮށްފައިވާ މީހެެއް ކަމަށާއި އަދި އޭނާ 20 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 11 ފަހަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ނުވަ މައްސަލައެއްގެ ތަޙުގީގު ފުރިހަމަކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.