ސޭވްދަ ބީޗް ޖަމިއްޔާއާ ގުޅިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިލިމާލެ ފަރުގައި މުރަކަ އާލާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް މިއަދު ބާއްވައިފި އެވެ.

މިއަދު ހުޅުމާލޭ ހުޅަނގު އުތުރު ފަރާތު ގޮނޑުދޮށް ސަރަހައްދުގައި ބޭއްވި މި ޕްރޮގްރާމްގައި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. މި ޕްރޮގްރާމްގައި ސޭވްދަ ބީޗް ޖަމިއްޔާއިން ވަނީ ހުޅުމާލޭގައި ހިއްކަމުންދާ ބިމުގެ ސަރަހައްދުން މުރަކަ ގޮފިތަކާއި މުރަކަ ކޮލޮނީސްތައް ނައްޓައި އެ އެތަކެތި އެ ސަރަހައްދުގައި ހުރި "ނާސަރީ" އަކަށް ބަދަލުކޮށްފަ އެވެ. އަދި މާދަމާ އެ މުރަކަތައް ވިލިމާލޭ ފަރަށް ބަދަލު ކުރުމުގެ މަސަތްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ސޭވްދަ ބީޗް ޖަމިއްޔާއިން ބުންޏެވެ.

ސޭވްދަ ބީޗް ޖަމިއްޔާއާ ގުޅިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިލިމާލެ ފަރުގައި މުރަކަ އާލާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ: އަނަސް އަބްދުﷲ

ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ހުޅުމާލޭ ބީޗް ސަރަހައްދުން ބިން ހިއްކަމުންދާތީ އެތާނގެ ފަރުތަކުގެ ދިރުން ނެތިގެންދާނެ ކަމުގެ ބިރުއެބަ އޮތް ކަމަށެވެ.

އަދި އެ ފަރުތަކުން ނެގެން ހުރި މިންވަރަކަށް މުރަކަ ކޮލޮނީތައް ނަގައި އެ އެއްޗެހިތައް ވިލިމާލެ ފަރަށް ބަދަލުކު ކުރުމަކީ މިހާރުން މިހާރަށް މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ސަބަބުން އެ ސަރަހައްދުގެ ފަރަށް ގެއްލުން ލިބޭނެ ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓްގެ ކަންތައްތައް ރާވާފައިވަނީ ފަރަށް ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެ ގޮތަކަށް ބަލައި އެންމެ ރައްކާތެރި ގޮތަކަށް ކަމަށެވެ.
ސޭވްދަ ބީޗް ޖަމިއްޔާއާ ގުޅިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިލިމާލެ ފަރުގައި މުރަކަ އާލާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ: އަނަސް އަބްދުﷲ

" ބިން ހިއްކުމުގެ ސަބަބުން މިސަރަހައްދުގެ ފަރުގެ ދިރުން ނެތިގެން ހިނގައިދާނެކަމުގެ ބިރުއެބައޮތް. އެހެންވެ މި ފަރުތަކުގެ ދިރުން ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް. މިކަން ކުރިއަށް ގެންދިއުމަށްޓަކައި މި ހިންގާ ޕްރޮޖެކްޓްގެ ސަބަބުންވެސް ތިމާވެއްޓަށް ގެއްލުން އެބަލިބޭ. އެހެންވެ އަހަރުމެން މި ޕްރޮޖެކްޓްގައި ރާވާ ހުރިހާ ކަމެއް ކުރިއަށް މިގެންދަނީ މިކަމުން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެ ގޮތައް ބަލައި ރައްކާތެރި ގޮތަކަށް،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
ސޭވްދަ ބީޗް ޖަމިއްޔާއާ ގުޅިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިލިމާލެ ފަރުގައި މުރަކަ އާލާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ: އަނަސް އަބްދުﷲ

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވީހާވެސް ގިނައިން ތިމާވެއްޓާބެހޭ އޮފިސަރުން ޓްރެއިންކޮށް ގިނަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ތިމާވެއްޓަށް މިލިބޭ އެކިއެކި ގެއްލުންތައް ދެނެގަނެ އެއަށް ރައްކާތެރި ފިޔަވަޅުތައް އެޅުމަށްޓަކައި އެކަހަލަ އޮފިސަރުން ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި ތިމާވެއްޓާބެހޭ އޮފިސަރުން އުފެއްދުމަށްޓަކައި ކޯސްތަކެއް ކުރިއަށްދާ ކަމަށާއި އުއްމީދަކީ މިފަދަ ގިނަ ކޯސްތަކެއް ތައާރަފްކުރެވި މިއަދު ކުރިއަށްދިޔަ ޕްރޮޖެކްޓްފަދަ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.