14 Nov 2014, 22:17
ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރިގެންދިޔަ އެބޯލާ ރޯގާއާ ދޭތެރޭގައި ފިޔަވަޅުއެޅުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ފަސްޖެހިފައިވާ ގޮތަށް ކުރިއަށް އޮތްތަނުގައި އަމަލުކޮށްފި ނަމަ، ދުނިޔެއިން އެތައް މިލިއަން މީހުންގެ ފުރާނަ ގެއްލިދާނެފަދަ މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު، ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮން ކިމް ދެއްވައިފި އެވެ.
އެބޯލާ ނުވަތަ އެނޫންވެސް އެފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ފެތުރިއްޖެ ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަލްޓި-ބިލިއަން ޑޮލަރުގެ ކޮންޓިންޖެންސީ ފަންޑެއް އެއްކުރުމަށް، އޮސްޓްރޭލިއާގެ ބްރިސްބެންގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓާ ދިމާކޮށް ކިމް ވަނީ ގޮވާލައްވައިފައެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ އިގްތިސާދުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ޖީ20 ސަމިޓަށް ވަޑައިގެން ބްރިސްބެންގައި ހުންނެވި ކިމް ހުކުރު ދުވަހު ވިދާޅުވީ، އެބޯލާފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ގޮސްފިނަމަ އިންސާނުންތަކެއް ނެތި ހިނގައިދާނެ ކަމުގެ ބިރުވެރިކަމުގެ އިތުރުން އެފަދަ މުސީބާތެއްގެ ސަބަބުން ދުނިޔޭގެ އިގްތިސާދުގެ ދުވެލި މަޑުޖެހިގެންދާނެ ކަމުގެ ބިރުވެރިކަން ވެސް އެބަ އޮތްކަމަށެވެ.
ބަލިމަޑުކަމެއް ފެތުރިއްޖެ ހާލަތެއްގައި އެތަނަކަށް ފޮނުވުމަށް އިންސާނީ ވަސީލަތްތަކާއެކު އެހެނިހެން ވަސީލަތްތަށް ފޯރުކޮށްދިނުމަށްޓަކައި އެތަކެއް ބިލިއަން ޑޮލަރު ދުރާލައި ހޯދާފައި ބެހެއްޓުމަށް ވެސް ވޯލްޑް ބޭންކުގެ ރައީސް ގޮވާލައްވާފައިވެ އެވެ.
ކިމް ވިދާޅުވީ، ހުޅަނގު އެފްރިކާގެ ތިން ގައުމެއް ކަމަށްވާ ސިއެރަލިއޯން، ލައިބީރިއާ، އަދި ގިނީގައި އެބޯލާ ބަލިމަޑުކަން ފެތުރި 5000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ދިޔައިރު، ބައިނަލްއަގްވާމީ މުޖްތަމައުން އެކަމަށް ފިޔަވަޅުއަޅާފައި ވަނީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށެވެ.
"އެބޯލާއާ ދޭތެރޭގައި ފިޔަވަޅު އެޅުނުލެއް ލަސްކަން އަހަރެމެން އެންމެނަށް ވެސް އެނގޭ... އެފަދަ ބަލިމަޑުކަމެއް ވަރަށް ހަލުއިކަމާއެކު ފެތުރިގެން ހިނގައްޖެ ނަމަ، އެތައް މިލިއަން މީހުންނެއް މަރުވެ، އެތަކެއް ބިލިޔަން ޑޮލަރެއް ހޭދަކުރަން ޖެހުން އެކަށީގެންވޭ،" ކިމް ވިދާޅުވި އެވެ.
ކިމް ސިފަކުރެއްވި ގޮތުގައި އޭނާ ހުށަހަޅުއްވާފައިވާ ފަންޑު ހޯދުމުގެ ޕްރޮގްރާމަކީ، ދުނިޔެއަށް "އިންޝުއަރެންސް ޕޮލިސީއެއް" ފަދަ ޕްރޮގްރާމެކެވެ.
"މި ފަންޑު ބޭނުންކުރާނި، ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދުނިޔޭގެ ސިއްހަތާބެހޭ ގަވާއިދުތަކާ އެއްގޮތަށް ކުއްލިހާލަތެއް އިއުލާނުކޮށްފި ހާލަތެއްގައި،" ކިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެހީދޭ ފަރާތްތަކުން އެއްފަހަރާ ފައިސާތަކެއް ދޭން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ވޯލްޑް ބެންކުން އަބަދުވެސް އެފަދަ ކަންކަމުގައި އަމަކު ކުރަމުން އަންނަ ގޮތަށް 'ބޮންޑް މާކެޓްސް' ބޭނުންކޮށްގެން ފަންޑު ހޯދުމުގެ އިންތިޒާމް ހަމަޖެއްސިދާނޭ ކަމަށެވެ.
އެބޯލާގެ ބަލިމަޑުކަން މިހާރު ފެތުރެމުންއެ ދާގޮތަށް ނުހުއްޓި ފެތުރެމުންދާނަމަ، 2015 ވަނަ އަހަރާ ހަމައަށް އޭގެ ސަބަބުން ލިބިދާނޭ މާލީ ގެއްލުން 32.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނޭ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.