ދުނިޔޭގެ އެންމެ ދިގު މީހާ އާއި އެންމެ ކުރު މީހާ ފުރަތަމަ ފަހަރަށް ބައްދަލު ވެއްޖެއެވެ. މި ދެމީހުން ބައްދަލުވީ އިއްޔެ ލަންޑަންގައި އޮތް ދިހަވަނަ "އެނުއަލް ގިނިސް ވޯލްޑް ރިކޯޑްސް ޑޭ" ގަ އެވެ.

މި އިވެންޓަކީ ދުނިޔޭގެ ފެންވަރުގެ ރެކޯޑުތައް ގާއިމުކޮށްފައިވާ ތިބި މީހުންގެ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން ގިނިސް ވޯލްޑް ރިކޯޑް ގެ ފަރާތުން ބާއްވާ އިވެންޓެކެވެ. ދުނިޔޭގެ އެންމެ ދިގު މީހާ، ތުރުކީގެ ސުލްތާން ކޮސެން އާއި އެންމެ ކުރު މީހާ ނޭޕާލްގެ ޗަންދްރަ ބަހާދުރް ދަންގީ ލަންޑަނަށް ގެންދިޔައީ ވެސް ގިނިސް ވޯލްޑް ރިކޯޑްގެ ފަރާތުން އެދެމީހުން އެކީ ބައިތިއްބާފަ ފޮޓޯ ނެގުމުގެ މަގްސަދުގައެވެ.

އުމުރުން 31 އަހަރުގެ ކޮސެން ގެ އިސްކޮޅުގައި އަށް ފޫޓް ތިން އިންޗި ހުރެއެވެ. ޕާރޓް ޓައިމްކޮށް ދަނޑުވެރިކަން ކުރާ ކޮސެންގެ ދިގު އިސްކޮޅުގެ ސަބަބުން ބާސްކެޓް ބޯޅަ ހޫޕްއާ ހަމައަށް ވާސިލް ވެވެއެވެ. 2009 ވަނަ އަހަރު ކޮސެން އަށް ދުނިޔޭގެ އެންމެ ދިގު މީހާގެ ރިކޯޑް ލިބުނީ އޭރު ދުނިޔޭގެ އެންމެ ދިގު މީހާ ކަމަށްވާ ޗައިނާގެ ޒި ޝުން އަށް ވުރެ ދިގު ވުމުންނެވެ. ޒި ޝުންގެ ދިގުމިނަކީ ހަތް ފޫޓް ނުވަ އިންޗިއެވެ.

74 އަހަރުގެ ޗަންދްރަ ބަހާރް ދަންގީގެ އިސްކޮޅުގައި އެންމެ ދެފޫޓު ވެސް ހަމަ ނުވެއެވެ. ދަންގީ އަކީ ވޯލްޑް ރިކޯޑް ފޮތަށް މިހާތަނަށް އެރި އެންމެ ކުރު މީހާ އެވެ. ފޮތި ވިޔުމުގެ އިތުރުން އޭނާގެ ޝަހަރުގައި އުޅޭ ބަފަލޯ އާއި ގެރި ބެލެހެއްޓުމުގައި އުޅޭ ދަންގީގެ ބަރުމިނުގައި ހުންނަނީ އެންމެ 14.5 ކިލޯ އެވެ.

"މިހާ ދުވަސްކޮށްފައި ޗަންދްރަ އާ ދިމާވުމަކީ ވަރަށް އުފާވާކަމެއް،" އިވެންޓްގައި ދިން އިންޓަވިއުއެއްގައި ކޮސެން ބުނެފައި ވެއެވެ. "އޭނާއަކީ ކުރު މީހަކަށް ވެފައި އަހަރެންނަކީ ދިގު މީހަކަށް ވިއަސް، އަހަރުމެން ދެމީހުންގެ ދިރިއުޅުމުގައި ދިމާވާ ދަތި ކަންތައްތައް ވަރަށް އެއްގޮތް، ޗަންދްރަގެ ލޮލަށް ބަލާލުމުން އޭނާއަކީ ރަނގަޅު މީހެއްކަން އިނގޭ."

ކޮސެން އަށް ވަނީ އެންމެ ދިގު އަތް ހުރި މީހާގެ މަގާމުވެސް ލިބިފައެވެ. އޭނާގެ އަތުގެ ކުޑަހުޅުން ފެށިގެން މެދު އިނގިލީގެ ކޮޅާ ހަމައަށް 11.2 އިންޗި ހުރެއެވެ.