އަލްއަންބާރު (ނޮވެމްބަރު 14): ސައޫދީ އަރަބިޔާއަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާގާއި ސީރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ ހަރުކަށި ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ ދީފި އެވެ.

ބަޣްދާދީ ގެ ނަމުގައި އައިއެސްއިން ނެރެފައިވާ އޯޑިޔޯ ރެކޯޑިންގް އެއްގައި އޭނާގެ ހަރުކަށި ފިކުރަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް ގޮވާލާފައިވަނީ ސައޫދީ އިސް މަސްއޫލުވެރިންނަށާއި ސަރުކާރުގެ އަމާޒުތަކުގެ އިތުރުން ސައޫދީގެ ޝިޔަޢީންނަށް ޙަމަލާތައް ދިނުމަށެވެ.

ސައޫދީ އަރަބިޔާގެ އިތުރުން މިސްރާއި ޔަމަނާއި ލީބިޔާއާއި އަލްޖަޒާއިރަށްވެސް އައިއެސްގެ ޚިލާފަތުގެ ވެރިކަން ފުޅާކުރާނެކަމުގެ އިންޒާރު ބަޣްދާދީ ދީފައިވެ އެވެ.

އައިއެސް އިން އިންޓަނެޓްގެ ސޯޝަލް މީޑިޔާގައި ޝާއިއުކޮށްފައިވާ އޯޑިޔޯ ޓޭޕެއްގައި ބަޣްދާދީގެ ނަމުގައި ވާހަކަ ދައްކާ މީހާ ބުނެފައިވަނީ އިސްލާމީ ޚިލާފަތުގެ ނަމުގައި އޭނާ އިޢުލާން ކޮށްފައިވާ އައިއެސްގެ ޚިލާފަތް، ސައޫދީ އަރަބިޔާގެ އިތުރުން އަރަބި އެހެން ހަތަރު ގައުމަކަށް ފުޅާކޮށް ބާރުގެ ބޭނުންކޮށްގެން އެގައުމުތައް އެ ޚިލާފަތުގެ ދަށަށް ގެންނާނެ ކަމުގައެވެ. މިކަމަށްޓަކައި "ޖިހާދުގެ އަލިފާން ފަރުބަދަތައް ގޮއްވާލުމަށް" އައިއެސް ފިކުރުގެ ހަނގުރާމަވެރިންނަށް ބަޣްދާދީ ގޮވާލާފައިވެ އެވެ.

މިއީ އެމެރިކާގެ ޙަމަލާތަކެއްގައި ބަޣްދާދީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރި އޭނާއަށް ވީނުވީއެއް ނޭނގިފައި ވަނިކޮށް އޭނާގެ ނަމުގައި އައިއެސްއިން ނެރުނު ފުރަތަމަ އޯޑިއޯ އެވެ. މިއޯޑިއޯ ރެކޯޑިންގައި ވާހަކަ ދައްކާ މީހާއަކީ ބަޣްދާދީކަން ކަށަވަރު ނުވިނަމަވެސް އޭގައިވާ އަޑާއި ބަޣްދާދީގެ އަޑާ ވަރަށް ވައްތަރު ކަމަށް އެއަޑު ތަހުލީލް ކުރި ފަރާތްތަކުން ބުނެފައިވެ އެވެ. މި އޯޑިއޯގައި ބަޣުދާދީ ބުނަނީ އޭނާގެ ފިކުރުގެ ހަނގުރާމަވެރީން ސައޫދީ އަރަބިއްޔާގެ އިތުރުން މިސްރާއި ޔަމަނާއި ލީބިޔާއާއި އަލްޖަޒާއިރުގައިވެސް އެބަތިބި ކަމަށާ އެމީހުން އެ ގައުމުތައް އައިއެސްގެ ޚިލާފަތުގެ ދަަށަށް ގެންނާނެކަމުގައެވެ.

މީގެއިތުރުން އައިއެސްގެ އެންމެ ހަނގުރާމަވެރިއަކު ދުނިޔޭގައި ހުއްޓާވެސް ހަނގުރާމަކުރުން ހުއްޓައިނުލާނެ ކަމަށާއި އައިއެސް ހިންގާ ހަނގުރާމައަކީ "ޖިހާދު" ކަމަށްވެސް ބަޣްދާދީ ސިފަކުރި އެވެ.

އިރާގާއި ސީރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުތަކުން ދެމުންގެންދާ ވައިގެ ޙަމަލާތަކާބެހޭގޮތުން ބަޣްދާދީ ބުނީ، އެ ހަމަލާތަކުން އޭނާގެ ޚިލާފަތުގެ ނިޒާމް ބަލި ނުކުރެވޭނެ ކަމަށާއި އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ޙަމަލާތައް މިހާރުވެސް ފޭލްވެފައިވާ ކަމުގައެވެ. އަދި ވައިގެ މަގުން އެމެރިކާ ޙަމަލާތައްދެނީ އައިއެސްގެ ހަނގުރާމަވެރިންނާ އެއްގަމު މަގުން ކުރިމަތިލާން ބިރުގަންނާތީ ކަމަށާއި ނަމަވެސް ވައިގެ ޙަމަލާތައް ނާކާމިޔާބު ވަމުންދާތީ އެއްގަމުމަގުން ހަނގުރާމަކުރުމަށް އެމެރިކާއަށް މަޖްބޫރުވާނެ ކަމަށް ބަޣްދާދީ ބުނެފައިވެ އެވެ.

މިގޮތުން އެއްގަމު މަގުން ހަނގުރާމަ ކުރަންޖެހިއްޖެނަމަ ވަރަށް ވޭންދެނިވި ގޮތަކަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ބަލިކޮށްލާނެ ކަމުގެ އިންޒާރުވެސް ބަޣްދާދީ ދީފައިވެ އެވެ. ބަޣުދާދީ މިމޭރުމުން ވާހަކަ ދައްކާފައިވާއިރު އޭނާ އިޢުލާންކޮށްފައިވާ ޚިލާފަތުގެ ފިކުރަކީ ބަދަލުހިފުމާއި އަނިޔާވެރިކަމާއި ބޮންގޮއްވުންފަދަ ހަރުކަށި އަމަލުތަކުގެ މައްޗަށް ބިނާކޮށްފައިވާ އިސްލާމް ދީނާ މުޅިން ޚިލާފު ފިކުރެއް ކަމަށް އިސްލާމީ ދަންނަބޭކަލުންވަނީ ފަތުވާ ދެއްވާފައެވެ.

އައިއެސް ޖަމާއަތަކީ އެމެރިކާ ސިފައިން އިރާގަށް އަރައި ހިންގި އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކާއި އިރާގުގައި ޒަމާނުއްސުރެ އުފެދިފައިވާ ސުންނީންނާއި ޝިޔަޢީންގެ މަޛުހަބީ އަރާރުންތަކުގެ ތެރެއިން ބަދަލުހިފުމުގެ ރޫހެއްގައި އުފެދުނު ޖަމާއަތެއް ކަމަށާއި އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި އެ ޖަމާއަތުން އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޖަރީމާތައް އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާކަމަށް ރިޕޯޓްތައްބުނެ އެވެ. (ނޫސްއެޖެންސީތައް)