އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ހިލޭ ދެއްކޭ ހެލްތު ކޭމްޕެއް ބާއްވަން ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އިންޑިއަން އެންބަސީ އަދި އިންޑިއާގެ ސިމްސް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށްގެންދާ އެ ހެލްތު ކޭމްޕު މި މަހުގެ 19 އިން 20 އަށް މާލެ ސިޓީގެ ދަމަނަ ވެށީގައި ކުރިއަށްދާނެ ކަމަށެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ވެސް އެ ކޭމްޕު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

ޖުމްލަ ހަތަރު ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ އެ ޓީމްގައި ހިމެނިވަޑައިގަންނަވާނީ އަންހެނުންނާއި ކުޑަކުދިންނާއި ކަރުންމަތީގެ އަދި ހަމުގެ ޚާއްސަ ޑޮކްޓަރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅު ވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެޕޮއިންޓްމެންޓް ހެއްދަންޖެހޭނެ ކަމަށެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް، މާލޭ ގައި ނަމަ ގުޅުއްވާނީ، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:15 އިން މެންދުރު 2:30 އަށް ދަމަނަ ވެށީގެ ނަންބަރު 3318901 އަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އާއްޑޫ ސިޓީގައި ނަމަ ގުޅުއްވާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6888672 އަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.