ކްރިކްޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ އެކްސެލް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ޔޫތު ޑިވެލޮޕްމަންޓް ޓީމުން އިންޑިއަން ބްލޫސްގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ފައިނަލްގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

މިއަދު ހެނދުނު އެކުވެނި އެއްނަންބަރު ދަނޑުގައި ކުޅެވުނު މި މެޗުގައި ޔޫތު ޑިވެލޮޕްމަންޓް ޓީމުން އިންޑިއަން ބްލޫސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 41 ލަނޑުގެ ތަފާތަކުންނެވެ. މި މެޗުގައި އެ ޓީމުން 50 އޯވަރުގެ ތެރޭގައި 273 ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، އިންޑިއަން ބްލޫސްއަށް މުޅިއެކު ކާމިޔާބު ކުރެވިފައި ވަނީ 233 ލަޑެވެ.

މެޗުގެ ޓޮސް ދިމާވުމުން ޔޫތު ޑިވެލޮޕްމަންޓް ޓީމުން އިހުތިޔާރުކުރީ ބެޓްކުރާށެވެ. އެގޮތުން އެ ޓީމްގެ ޝަދުހާން އާއި ސަކީ ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، އެ ޓީމްގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 89 ލަނޑު ހެދި ނިލަންތަ ކުރޭ އާއި 61 ލަނޑުހެދި އެޓީމްގެ ކެޕްޓަން މިހުސާން ހާމިދު އެވެ. އުކުމުގައި އިންޑިއަން ބްލޫސްގެ އާނަންދު، ޓޯބީ އަދި އަބްދުﷲ ޒިޔާދު ކޮންމެ ކުޅުންތެރިއަކުވެސް ދެ ވިކެޓް ނަގާފައި ވެއެވެ.

އިންޑިއަން ބްލޫސް ބެޓް ކުރަން އަރައި ދެވަނަ ވިކެޓުގައި އެ ޓީމްގެ ހާޒިގް އާއި ވިޝާލް މުޅި ޖުމުލަ 156 ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، ހާޒިގް ވަނީ ޓީމަށް މުޅިއެކު 91 ލަޑު ކާމިޔާބު ކޮށްދީފައެވެ. އަދި ވިޝާލް 87 ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، ޔޫތު ޓީމްގެ ޝަދުހާން ވަނީ އެ ޓީމް ޖެހި ތިން ބޯޅައެއް ހިފާފައެވެ. އަދި ޔޫތު ޓީމްގެ އާދަމް ނާސިފް 8 އޯވަރުގެ ތެރޭ ހަތަރު ވިކެޓް ނަގާފައި ވާއިރު، އެޓީމްގެ ނިލަންތަ ކޫރޭ 9 އޯވަރުގެ ތެރޭ ދެ ވިކެޓް ނަގާފައި ވެއެވެ.

މިދިޔަ ހޮނިހިރުދުވަހު ޝްރީލަންކަން ހައި ކޮމިޝަނާ ދެކޮޅަށް ކުޅުން މެޗުވެސް ޔޫތު ޑިވެލޮޕްމަންޓުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު މާލޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުން މެޗު އިންޑިއަން ބްލޫސްވެސް ވަނީ ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގައި މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް ކްލަބާއި ޝްރީލަންކަން ހައި ކޮމިޝަންގެ ޓީމެވެ.