14 Nov 2014, 19:55
އޮސްޓްރޭލިއާގެ ބްރިސްބެންގައި ހޮނިހިރު ދުވަހު ފަށާ ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޓޯނީ އެބޮޓްއާއިއެކު ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިއަދު އޮސްޓްރޭލިޔާއަށް ވަޑައިގެންފި އެވެ.
މިއީ ވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު އޮސްޓްރޭލިޔާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ބޮޑުވަޒީރަކު އެންމެ ފަހުން އޮސްޓްރޭލިއާއަށް ވަޑައިގެންފައި ވަނީ، 1986 ވަނަ އަހަރު އެވެ. އެއީ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ އެވެ.
މޯދީ އޮސްޓްރެލިޔާއަށް ވަޑައިގަތީ، އާސިއާން-އިންޑިއާ ސަމިޓާއި އިރުމަތީ އޭޝިއާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިމަހު 12-13 މި ދެދުވަހު މިޔަންމާއަށް ވަޑައިގަތުމަށްފަހު އެވެ.
މޯދީ މިހާރު ކުރައްވަމުންގެންދަވާ 10 ދުވަހުގެ ދަތުރުފުޅަކީ، މިޔަންމާ، އޮސްޓްރޭލިއާ އަދި ފިޖީއާއެކު ގުޅުންބަދަހި ކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާއިން ފުރާވަޑައިގަތުމުގެ ކުރިން މޯދީ ވިދާޅުވި ކަމަށް، ދަ އިންޑިއަން އެކްސްޕްރެސް އޮންލައިންގައި ވަނީ، ދުނިޔޭގެ ކަޅުބާޒާރުގައި ދައުރުވާ ފައިސާއާ ދެކޮޅަށް ބައިންލައަގްވާމީ ގައުމުތަކުގެ ސަމާލުކަން ހޯއްދެވުމަށްޓަކައި ޖީ20 ސަމިޓްގައި އެކަމަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާނޭ ކަމަށެވެ.
"އަޅުގަނޑުމެ މި ދަތުރުގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި 'ބްލެކް މަނީ'އާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލެވޭނެ،" މޯދީ އިންޑިއާއިން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.
މޯދީގެ މި ދަތުރުފުޅުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓްއާއެކު ބާއްވަވާ ރަސްމީ ވާހަކަފުޅުތައް އޮންނާނީ، ޖީ20 ސަމިޓަށްފަހު ކެމްބަރާގައެވެ.