ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ކެރިއާ ގައިޑެންސް ދިނުމުގެ ހަރަކާތެއް ފަށައިފި އެވެ.

މިއަދު ހަވީރު 4:00 އިން މިރޭ 10:00 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ އެ ހަރަކާތް ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

އެހަރަކާތް ފެއްޓުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހް ވިދާޅުވީ، އެސްޓީއޯ ފަދަ ހަރުދަނާ ކުންފުންޏަކުން ޒުވާނުންނަށް ކެރިއަރއާ ބެހޭ މައުލޫމާތު ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ނަމެއްގައި ވަޒީފާއަކަށް ދިއުމަށް ނުވަތަ ފައިސާ ހޯދުމަށް އެކަނި ވަޒީފާއަށް ދިއުމުގެ ވިސްނުން ދޫކޮށްލުމަށް މަލީހް ޒުވާނުންނަށް ގޮވާލެއްވި އެވެ.

"ދިވެހި ޒުވާނުން އެއްގޮތަަކަށްވެސް ގޭގައި ތިބެގެންނުވާނެ، މިފަދަ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލަން،" މަލީހު ވިދާޅުވި އެވެ.

އެސްޓީއޯއިން މިއަދު ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕުރޮގުރާމްގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މުވައްޒަފުންގެ ސްކިލް ޑިވެލޮޕްކުރުމަށް ކަމަށާއި އެސްޓީއޯއިން ބޭނުންވަނީ އެ ކުންފުނީގެ މުވައްޒަފުނަކީ "އެންމެ މޮޅެތި ކުދިން" ކަމުގައި ހެދުން ކަމަށެވެ.

މިއަދު ފެށިގެން ދިޔަ ކެރިއާ ގައިޑެންސް ހަރަކާތުން އެސްޓީއޯގައި ހުރި ފުރުސަތުތަކާއި ޒުވާނުން ކެރިއާ ބިލްޑުކުރާނެ ގޮތުގެ މައުލޫމާތު ދެވިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ކުރިއަށްގެންދާ އެ ހަރަކާތުގައި ހިމެނޭ ގިނަ ސްޓޯލްތަކަކުން އެސްޓީއޯއާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ހިއްސާކުރާނެ އެވެ.