ނޭޝަން ސެންޓާ ފޮރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ މުވައްޒަފުން އިޖްތިމާއީ ހަރަކާތެއްގެ ގޮތުގައި އެ އޮފީސް ހިމެނޭ ސަރަހައްދުގައި ހުރި ކާނުތައް މިއަދު ސާފުކޮށްފި އެވެ.

މިއަދު ހަވީރު 4:00 އެހައިކަންހާއިރު އެންސީއައިޓީ ކުރިމަތިން ފެށި ކާނުތައް ސާފުކުރުމުގެ ހަރަކާތުގައި އެތަން ހިންގެވުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އާއި އެ ތަނުގެ ގިނަ އަދަދެއްގެ މުވައްޒިފުން ބައިވެފައިވެ އެވެ.

'ސަން' އަށް ދެއްވި އިންޓިވިއުއެއްގައި އަޝްމަލީ ވިދާޅުވީ އެންސީއައިޓީގެ މުވައްޒަފުން ކާނުތައް ސާފުކުރުމަށް ނިންމީ އެއީ އިޖްތިމާއީ ޒިންމާއެއްގެ އިތުރުން ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

ކާނުރައް ސާފުކުރުމުގެ ހަރަކާތުގައި އެންސީއައިޓީ ހިންގެވުމާ ހަވާލުވެހުންނެވި އަޝްމަލީ ބައިވެރިވެވަޑައިގަންނަވަނީ ---- ސަން ފޮޓޯ: ހަންމާދު
"އެނގިވަޑައިގަންނަވާނެ މާލެއަށް ވިއްސާރަ ކޮޅެއް ވެހިލާފިއްޔާމު މާލޭގެ ރައްޔިތުންނަށް މަގުމަތީގައި ފެންބޮޑުވެގެން ކާނުތަކުން ފެން ނުހިނދޭތީ މިވަނީ ވަރަށް ބޮޑަށް ތަކުލީފް ތަކެއް އުފުއްލަން ޖެހިފައި. އެހެންވީމަ އަޅުގަނޑުމެން އެންސީއައިޓީގެ ހުރިހާ މުވައްޒަފުން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ އިޖްތިމާއީ އަދި ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކާނުތައް ސާފުކުރުން،" އަޝްމަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މާލޭގެ މަގުތަކާއި އަދި ސަރުކާރު އޮފީސްތަކުގެ ބޭރު ޒީނަތްތެރި ސަރުކާރުން ރާވާފައިވާ ކަމެއް ކަމަށެވެ. މިއަދު ފެށިގެންދިޔަ ކާނުތައް ސާފުކުރުމުގެ ހަރަކާތަކީ އެގޮތުގެ މަތިން ކުރިއަށްދިޔަ ކަމެއް ކަމަށް ވެސް އަޝްމަލީ ވިދާޅުވިއެވެ.

"އެހެންވީމަ މިއަދު އަޅުގަނޑުމެން ކުރިއަށް މިގެންދާ މަސައްކަތަކީ މިނިވަންކަމަށް 50 އަހަރު ފުރޭތީވެ ދުރާލާ އިސްނަގައިގެން މިއަންނަ އަހަރަށް އިސްތިގްބާލް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެއް ބޮޅު،" އަޝްމަލީ ވިދާޅުވި އެވެ.

އެންސީއައިޓީއެކޭ އެއްފަދައިން އެހެނިހެން އޮފީސް ތަކުން ވެސް އެފަދަ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް އަޝްމަލީ ވަނީ އެދިވަޑައިގެންފައެވެ.
އެންސީއައިޓީ ހިންގެވުމާ ހަވާލުވެހުންނެވި އަޝްމަލީ ސަން އަށް އިންޓަވިއުދެއްވަނީ ---- ސަން ފޮޓޯ: ހަންމާދު
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ދިރާގު ހެޑް އޮފީސް ކުރިމަތީގައި ކާނުތައް ސާފުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ވިދާޅުވެފައި ވަނީ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އެންވާރަމަންޓް މިނިސްޓްރީއާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.