14 Nov 2014, 16:15
އޮސްޓްރޭލިއާގެ ބްރިސްބަންގައި މިމަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނުވަ ވަނަ ޖީ20 ސަމިޓުގައި ތިމާވެއްޓާ ބެހޭ ގޮތުން އޮސްޓްރޭލިޔާގެ ރައްޔިތުން ބޭނުންވާ ފަދަ އެޖެންޑާއެއް ހިމަނާފައި ނުވާ ކަމަށް ބުނެ އެގައުމުގެ 200 އަށް ވުރެ ގިނަ ރައްޔިތުން ސިޑްނީގެ ބޮންޑި ބީޗުގައި ވަޅުގަނޑުތަކެއް ކޮނެ، ވެލިގަނޑުގެ ތެރޭގައި ބޯ ވަޅުލައިގެން ތިބެ މުޒާހަރާކޮށްފި އެވެ.
ބުރާސްފަތި ދުވަހު، ސިޑްނީގެ ގޮނޑު ދޮށުގައި ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކޮށްފައި ވަނީ، ހޮނިހިރު ދުވަހު އެގައުމުގައި ފަށާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ވެރިންގެ ސަމިޓްގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޓޯނީ އެބޮޓްގެ ސަރުކާރުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މާބޮޑު ވާހަކަތަކެއް ހިމަނާފައި ނުވާތީ ކަމަށް ބީބީސީގައި ވެއެވެ.
ޓޯނީ އެބޮޓް އޮސްޓްރޭލިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެގައުމުން ނަގަމުން އައި ކާބަން ޓެކްސް ނެގުން ހުއްޓައިލުމާ ގުޅިގެން، އިއާދަކުރަނިވި ހަކަތައަށް ކުރަމުދިޔަ އިންވެސްޓްމަންޓްތަކުގެ 70 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށްވެ އެވެ.
މުޒާހަރާ އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި، އީޑެން ޓެހާން ކިޔާ މީހަކު ރިޕޯޓަރުންނަށް ބުނިކަމަށް ބީބީސީގައި ވަނީ، މިއީ ބޮޑުވަޒީރު އެބޮޓް ޖީ20 ސަމިޓުގެ އެޖެންޑާގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ވާހަކަތައް ހިމެނުމަށް އިންކާރު ކުރެއްވުމުން ކުރި މުޒާހަރައެއް ކަމަށެވެ.
"މިއީ އަހަރެމެންގެ ޒަމާނުގައި ކުރިމަތިވާނެ އެންމެ ބޮޑު މައްސަލަ،" ބިމުއަޑީގައި ބޯފޮރުވައިގެން މުޒާހަރާކުރީ ކީއްވެގެންކަން ކިޔައިދެމުން ޓެހާން ބުންޏެވެ.

ހޮނިހިރު ދުވަހުން ފެށިގެން ދެދުވަހަށް ކުރިއަށް ގެންދާ ޖީ20 ސަމިޓްގެ ބައިވެރީންގެ ތެރޭގައި އެމެރިކާ، ޗައިނާ، އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް އަދި ޖަރުމަނު ފަދަ ދުޔނިޔޭގެ ބޮޑެތި ބާރުތައް ހިމެނެއެވެ.
ކަރެސްޕޮންޑެންޓުންނާ ހަވާލާދީ ބީބީސީގައި ވަނީ، ޖީ20 ސަމިޓުގެ ރައީސެއްގެ ހައިސިއްޔަތުން، ބްރިސްބަން ސަމިޓްގައި އެބޮޓް އެންމެ ބޮޑަށް އަލިއަޅުއްވައިލައްވާނީ، ދުނިޔޭގެ އިގްތިސާދާއި ވަޒީފާ އުފެއްދުމުގެ މައްޗަށް ކަމަށެވެ.
މެމްބަރު 19 ގައުމަކާއި، ވިލާތުގެ އިއްތިހާދު ތަމްސީލުކުރާ ޖީ20އަކީ ދުނިޔޭގެ އާބާދީގެ ތިން ބައިކުޅަ ދެބައި، ދުނިޔޭގައި އުފައްދާ ތަކެތީގެ 85 އިންސަތައް މުދާ، ދުނިޔޭގެ ވިޔަފާރީގެ 75 އިންސައްތަ ހިއްސާކުރާ ޖަމިއްޔާ އެކެވެ.
މެންބަރު ގައުމުތަކުގެ އިތުރުން، މެހެމާނުންގެ ގޮތުގައި މައުރިޓޭނިއާ، މިޔަންމާ، ނިއުޒިލޭންޑް، ސެނެގާލް، ސިންގަޕޫރު އަދި ސްޕެއިން ބައިވެރިވާ މި ސަމިޓްގައި 4000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. އަދި މި ސަމިޓް ކަވަރުކުރުމަށްޓަކައި މީޑިއާގެ 2500 މީހުން ހަރަކާތްތެރިވާނެ ކަމަށްވެ އެވެ.