14 Nov 2014, 15:34
ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 26 ވަނަ އަސާސީ ތަމްރީނު ކޯހުގެ ފާސްވެހިނގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މާފަންނު ސްޓޭޑިއަމްގައި އިއްޔެ އެ މިރަސްމިއްޔާތު ބާއްވާފައި ވަނީ ހަތިޔާރާ އެކު ހެވިކަމުގެ ކުޅިވަރުތައް ވެސް ހިމެނޭ ގޮތަށެވެ. މިއީ ފުލުހުންގެ ތާރީޚުގައި ހަތިޔާރާ އެކު ހެވިކަމުގެ ޙަރަކާތްތައް ހިމެނޭ ގޮތަށް ބޭއްވި މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ.
އެ މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރު އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހްމާނު ވިދާޅުވީ ފުލުހުން ފަދަ ގައުމީ ޚިދުމަތަށް މުހިއްމު މަސައްކަތެއް ކުރާ ބަޔަކު އެކަމަށް ބޭނުންވާ ފުރަތަމަ ތަމްރީނު ފުރިހަމަ ކުރުމަކީ މި ޚާއްޞަ މަސައްކަތުގެ ފެށުންކަމުގަ އެވެ. އަދި ވިދާޅުވީ ފުލުހުންގެ ޙަގީގީ ތަމްރީނު ފެށެނީ މިހާހިސާބުން ކަމުގައި ފުލުހުން ދެކެންވާނެ ކަމަށެވެ. އެހެންކަމުން ކޮންމެ ފުލުހަކު ވެސް ތެދުވެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް ފުލުހުންގެ ކިބައިން ޝަރަފުވެރި މެހްމާނު އެދިވަޑައިގަތެވެ.