14 Nov 2014, 15:03
އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ފާހަގަކޮށްފައިވާ ގްރީން ޓެކުހާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލުގެންނަން ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާޙު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިފި އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ބަދަލުގެންނަން މަޖިލީހަށް ފޮނުވި އެ ދެ ބިލަކީ ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަކާއި ދިވެހި ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާޙު ހުށަހަޅާފައި ވަނީ ޓޫރިސްޓް ގެސްޓްހައުސްތައް ފިޔަވައި ޓޫރިސްޓު ހިދުމަތްދޭ އެހެން ތަނެއްގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުން "ގްރީން ޓެކްސް"އެއް ނެގުމަށެވެ. އަދި އެ ޓެކްސް ނެގުމަށް މީރާ އަށް ލިބިދޭން ޖެހޭ ބާރުތައް ލިބިދިނުމަށް ޓަކައި ހުށަހަޅާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ގްރީން ޓެކްސް ތައާރަފު ކުރުމަށް ނިންމާފައި ވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އެކަށީގެންވާ ކުނި ނައްތާލާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ސިނާއަތްތަކަށް ހަދައި ފަތުރުވެރިންނަށް ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވީ، ގްރީން ޓެކްސް ތައާރަފް ކުރުމާ އެކު ލިބޭ އާމްދަނީ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތް ކުރަން ކަމަށެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓު މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، އިމްޕޯޓު ޑިއުޓީގެ މިންވަރުތަކަށް ބަދަލުގެނައުމަށް ޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް ބަދަލު ގެންނަން ފޮނުވި ތަކެތީގެ ތަފްސީލެއް ނުދެއްވަ އެވެ.
ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި ގޮތުގައި އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބަލާ އިރު ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ 150 ޕަސެންޓް ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރަން ނިންމާފައިވެ އެވެ. އަދި ކާރުން މިހާރު ނަގާ 100 ޕަސެންޓް ޑިއުޓީ ވެސް 150 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސެންޓަކީ މިހާރު ސުން ޑިއުޓީ ނަގާއެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް 10 ޕަސެންޓްގެ ޑިއުޓީއެއް ނެގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.