14 Nov 2014, 14:48
ޓެލްއަވީވް (ނޮވެމްބަރު 14) : ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެ ފަހު އިސްރާއީލުން ކުރި އުދުވާނީ ހަނގުރާމައިގާ އިސްރާއީލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގު ކުރުމަށް އދ. ން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އިސްރާއީލުގެ ބުނެފި އެވެ.
އިސްރާއީލުގެ ޚާރިޖިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ހަނގުރާމަ ތަހްގީގް ކުރުމުގައި އދ.ގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ބުނެ އިސްރާއީލު ކުށްވެރިކޮށް ރިޕޯޓެއް ނެރުންކަމަށާއި އެކަމުގައި އދ. އަށް އެއްބާރުލުން ނުދޭނެކަމުގަ އެވެ. ޣައްޒާގެ ހަނގުރާމަ ތަހްގީގު ކުރުމަށް ފަހު އދ. އިން ނެރޭނީ އިސްރާއީލާ ދެކޮޅު ރިޕޯޓެއް ކަމަށާއި މިރިޕޯޓް ގަބޫލުނުކުރާނެ ކަމަށް ވެސް އިސްރާއީލުގެ ޚާރިޖިއްޔާގެ ބަޔާން ބުނެ އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެފަހުން ކުރި ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނު 2000 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު މީގެ ތެރެ އިން ދޮޅުހާހެއްހާ މީހުންނަކީ ފަލަސްތީނުގެ އާންމުންނެވެ. އަދި އާންމުންގެ ތެރެއިން ވެސް ގިނަ އިން ޝަހީދުކޮށްލާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަސަތޭކަ އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ އިރު 400 އަށް ވުރެ ގިނަ އަންހެނުން ޝަހީދުކޮށްލާފައިވެ އެވެ. ފަންސާސް ދުވަހުގެ ހަނގުރާމައިގާ އިސްރާއީލުން ޣައްޒާއަށް ޙަމަލާދިންތަންތަނުގެ ތެރޭގައި އާންމުންގެ ގެދޮރުގެ އިތުރުން ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ބަލިމީހުން ގޮވައިގެން ދަތުރުކުރި އެންބިއުލަންސްތައް ވެސް ހިމެނެ އެވެ. ޣައްޒާގައިވާ އދ.ގެ ދެ ސްކޫލަކަށް ވެސް އިސްރާއީލުން ގަސްދުގައި ހަމަލާދިން ކަމަށް އދ. ންވެސް ބުނެފައިވެ އެވެ.
އިސްރާއީލުން ދެ ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި އދ.ގެ ދެ ސްކޫލްގެ ބޮޑުބައެއް ހަލާކުކޮށްލުމުގެ އިތުރުން ބައެއް ދަރިވަރުން ޝަހީދުވެ އަނެއްބައި ދަރިވަރުން ޒަޚަމްވެފައިވެ އެވެ. މީގެ އިތުރުން ޣައްޒާގެ ތިން ހޮސްޕިޓަލަކަށް ވެސް އިސްރާއީލުން ރޮކެޓް ޙަމަލާދީ ބައެއް ބަލިމީހުން ވެސް ޝަހީދުކޮށްލާފައިވެ އެވެ. އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ފަލަސްތީނުގެ މުޖާހިދުން ދިން ރޮކެޓް ޙަމަލާތަކުގައި މަރުވެފައި ވަނީ އިސްރާއީލުގެ އާންމުންގެ އެންމެ ތިންމީހުންނެވެ.
ނަމަވެސް ޣައްޒާއަށް ޙަމަލާދިނުމުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިންގެ 40 އަށްވުރެ ގިނަ މީހުން ފަލަސްތީނު މުޖާހިދުންގެ ޙަމަލާތަކުގައި މަރުވެފައިވެ އެވެ. ޣައްޒާގައި އިސްރާއީލުން ފުޅާދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ވާތީ އިސްރާއީލުގެ ހަރުކަށިވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތަކުން ވަނީ ގޮވާލާފަ އެވެ. އދ. ން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މުގައްރިރަކު ވެސް ހަމަޖައްސާފަ އެވެ. ޣައްޒާއާ ދެކޮޅަށް އެންމެފަހުން އިސްރާއީލު ކުރި ހަނގުރާމައިގާ ޣައްޒާ މުޅިންކަހަލަ ގޮތަކަށްވަނީ ސުންނާފަތި ކޮށްލާފަ އެވެ.
އިސްރާއީލުން ވަނީ 2002ގައި ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭންޕްގައިފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގި ގަތްލުއާންމު ތަހްގީގް ކުރުމަށް ވެސް ހުރަސްއަޅައި މުޙައްގިގުން އެތަނަށް ދިޔުން މަނާކޮށްފައިވެ އެވެ. މިހުރަސްތަކާއެކު ވެސް އދ. ން އެމައްސަލަ ތަހްގީގް ކުރުމަށް ފަހު ނެރުނު ރިޕޯޓްގައި އިސްރާއީލުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިރިޕޯޓް ގަބޫލުކުރުމަށް އިސްރާއީލުން ވަނީ ދެކޮޅު ހަދާފަ އެވެ. އދ. ވަނީ މިމައްސަލާގައި ވެސް އިސްރާއީލުގެ ހަރުކަށި ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ނާކާމިޔާބު ވެފަ އެވެ. (ނޫސްއެޖެންސީތައް)