ވޮޝިންޓަން (ނޮވެމްބަރު 14) : އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުލަތެއް އިއްލާން ކޮށްގެންއުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ ބިންތައް މިނިވަންކުރުމަށް ޕްރޮފެޝަނަލް ސިފައިންގެ 80 ހާސް މީހުންގެ ލަޝްކަރެއް އިރާގަށް ބޭނުންވާ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާ ސިފައިންގެ ވެރިޔާ އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވީ އިރާގުގެ ބިމުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ބިން ކޮންޓްރޯލް ކުރަމުން ގެންދަނީ އައިއެސްގެ ހަނގުރާމަވެރިން ކަމަށާއި އެމީހުން ބަލިކޮށް އިރާގު ދައުލަތުގެ ބާރުތައް އެގައުމުގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުވުމަށް ޓަކައި ޕްރޮފެޝަނަލް ފެންވަރަށް ތަމްރީނާއި ތަޖްރިބާ ލިބިފައިވާ 80 ހާސް ސިފައިން އިރާގަށް ބޭނުންވާކަމުގަ އެވެ.

އިރާގު ސިފައިން ތަމްރީން ކުރުމަށްޓަކައި އެމެރިކާ ސިފައިންގެ ދޮޅު ހާހަށްވުރެ ގިނަ ގިނަ މުދައްރިބުން ހަރަކާތްތެރިވަމުންދާއިރު އިތުރު ދޮޅުހާސް މުދައްރިބުން އިރާގަށް ފޮނުވުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އިޢްލާން ކުރައްވާފަ އެވެ. މީގެ އިތުރުން އައިއެސްއާ ހަނގުރާމަ ކުރުމަށް ބޭނުންވާ ޒަމާނީ އިތުރު ހަތިޔާރު ވެސް އެމެރިކާ އިން އިރާގު ސިފައިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އޮބާމާ ވިދާޅުވެފައިވެ އެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ދެމުންގެންދާ ޙަމަލާތަކަށް ދެމަސް ވެފައިވާއިރު އައިއެސް ބަލިކުރުމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ ނާކާމިޔާބުވެފައެވެ. އައިއެސް ބަލިކުރުމަށް އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ އަކީ ވައިގެ މަގުން ޙަމަލާތައް ދިނުމާއި އައިއެސްއާ އެއްގަމު މަގުން ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރާއި ތަމްރީން އިރާގު ސިފައިންނަށް ދިނުމާއި އައިއެސްގެ ލަޝްކަރުތަކާ ގުޅުމަށް އެކިގައުމުތަކުން އިރާގާއި ސީރިޔާއަށް އަންނަ ހަނގުރާމަވެރިން ހުއްޓުވުންފަދަ ކަންތައްތަކެވެ.
އިރާގާއި ސީރިޔާއަށް އެމެރިކާ ސިފައިން ފޮނުވައިގެން އެއްގަމު މަގުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުން އެމެރިކާގެ ސްޓްރެޓެޖީގައި ނުހިމެނޭކަމަށް އޮބާމާ ވިދާޅުވެފައިވެއެވެ. އައިއެސްއާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދޭ ހަމަލާތަކުން އެޖަމާއަތުގެ ކުރިއެރުން ހުއްޓުވިފައިވާ ކަމަށާ މިއީ އެމެރިކާގެ ސްޓްރެޓެޖީއަށް ލިބުނު ކާމިޔާބީއެއް ކަމަށް ޖެނެރަލް ޑިމްޕްސީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)