އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލެއް ކަމަށްވާ ބޯކާ ރާޓަން ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮޕަރޭޝަންކުރި އަންހެނެއްގެ ހިތް ހުއްޓިފައި އޮންނަތާ 45 މިނިޓަށްފަހު އެ ހިތް އަލުން ވިންދުޖަހަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއުޔޯކް ޑެއިލީ ނޫސް ވެބްސައިޓުން ބުނީ، އެމެރިކާއަށް އުފަން އަންހެނެއް ކަމަށްވާ ރޫބީ ގްރޯޕެރާ ކަސިމިރޯ ވިހެއުމަށް ކުރި ސިޒޭރިއަން އޮޕަރޭޝަނުގައި ދިމާވި ކުއްލި ހާލަތަކާ ގުޅިގެން އޭނާގެ ނޭވާލުން ތިން ގަޑިއިރަށް ހުއްޓި، ހިތް 45 މިނެޓަށް ހުއްޓުނު ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރަން ތިބި ޑޮކްޓަރުން ރޫބީގެ ވިންދު ހުއްޓުމުން އޭނާ ދިރުވަން ކުރި މަސައްކަތުން ވެސް ވިންދު ނުގެނެވުމުން، އުއްމީދު ކަނޑާލައި އޭނާ މަރުވި ގަޑި އިއުލާންކުރަން އުޅެނިކޮށް ރޫބީގެ ހިތް އަލުން ވިންދު ޖަހަން ފެށީކަމަށްވެސް އެނޫހުގައި ބުނެފައިވެ އެވެ.

"ކުއްލިއަކަށް އޭނާ ދިރުނީ. އަހަރުމެން އުޅުނީ ރޫބީ މަރުވި ގަޑި އިއުލާންކުރަން،" ރޫބީގެ ސިޒޭރިއަން އޮޕަރޭޝަންކުރި ހޮސްޕިޓަލުގެ ތަރުޖަމާނު ތޮމާސް ޗަކުރްދާ ނިއުޔޯކް ޑެއިލީ ނިއުސްއަށް ވިދާޅުވި އެވެ.

ރޫބީގެ ސިޒޭރިއަން އޮޕަރޭޝަން ކުރިއަށް ދިޔައީ ހަމަ އެހެން ސިޒޭރިއަން އޮޕަރޭޝަންތެކެކޭ އެއްފަދައިން ކަމަށާއި ރޫބީގެ ހާލަތު ގޯސްވީ، ދަރިފުޅު ނެގުމަށްފަހު ރޫބީގެ ނޭވާ ކުރުވާން ފެށުމުންކަމަށްވެސް އެނޫހުން ބުންޏެވެ. ރޫބީގެ ސިޒޭރިއަން އޮޕަރޭޝަންކުރި ހޮސްޕިޓަލުގެ ސްޕޯކްސްމަން ބުނިގޮތުގައި ރޫބީގެ ހިތް ހުއްޓެން މެދުވެރި ސަބަބަކީ ސިޒޭރިއަން އޮޕަރޭޝަންތަކުގައި ވަރަށް މަދުން ދިމާވާ މައްސަލައެއް ކަމަށްވާ "އެމްނިއޯޓިކް ފްލުއިޑް އެމްބޮލިޒަމް" ކަމަށްވެސް އެނޫހުގައި ބުނެފައިވެ އެވެ.

"އެމްނިއޯޓިކް ފްލުއިޑް އެމްބޮލިޒަމް" އަކީ ދަރިފުޅު ވިހެއުމުގެ ތެރޭގައި މާބަނޑުމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ ފެންގަނޑު (އެމްނިއޯޓިކް ފްލުއިޑް) މައިމީހާގެ ލެއާ އެކުވެ، ލޭނާރުތައް ބެދި، ހަށިގަނޑުގައި ލޭ ދައުރުވުން ހުއްޓުމެވެ. ޑޮކްޓަރުން ބުނާގޮތުގައި އެއީ ނުރައްކާތެރި، ފުރާނަވެސް ގެއްލޭފަދަ ކަމެއް ކަމަށް އެނޫހުގައި ބުނެފައިވެ އެވެ.

ޗަކުރްދާ ވިދާޅުވީ، ރޫބީ އަކީ ދެފަހަރު މަތިން ސަލާމަތްވެފައި ހުރި މީހެއް ކަމަށެވެ. 45 މިނިޓު ވަންދެން ހިތް ހުއްޓުމަށްފަހު އަލުން ވިންދު ޖަހަން ފެށުމަކީ ފުރަތަމަ ފަހަރެވެ. އަދި އެހާ ގިނައިރު ސިކުނޑިއަށް އޮކްސިޖަން ނުލިބުނަސް އޭނާގެ ސިކުނޑިއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވުމަކީ ވެސް އަޖައިބެެއް ކަމަށް ޗަކުރްދާ ނިއުޔޯކް ޑެއިލީ ނިއުސްއަށް ވިދާޅުވި އެވެ.

"މިއަދު އޭނަ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް. ޑޮކްޓަރުންނަކަށްވެސް އެންމެ ފުރަތަމަ ނޭނގުނު ކީއްވެކަމެއް އޭނާ ދިރުނީ. އެންމެން ވެސް ބުނީ އެއީ ކަރާމާތެކޭ،" ޗަކުރްދާ ވިދާޅުވި އެވެ.

ރޫބީ އާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅުގެ ސިއްހަތު ވަރަށް ރަނގަޅުކަމަށާއި އޮޕަރޭޝަން ތިއޭޓަރުގައި ވީއެއްވެސް ކަމެއް ރޫބީގެ ހަނދާނުގައިނުވާ ކަމަށްވެސް މީޑިއާގެ ރިޕޯޓުތަކުން ބުނެއެެވެ.