ރ. އަތޮޅުގެ ރަށްތަކުގައި ސިއްހީ ހިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތަކާއި، އެ އަތޮޅު އުނގޫފާރުގައި އަލަށް އިމާރާތްކުރަމުންދާ ހޮސްޕިޓަލް ހުޅުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތަކަކީ ކޮބައިތޯ ބައްލަވައިލެއްވުމަށް މިނިސްޓްރީ އޮފް ހެލްތު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ރ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި އެވެ.

މިނިސްޓަރު ނާޒިމް ރ. އަތޮޅަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލްގެ އާ އިމާރާތް ބައްލަވާލައްވައި އެ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބައްދަލު ކުރެއްވި އެވެ. އަދި އެ ހޮސްޕިޓަލްގައި ތިބި ބަލިމީހުންގެ ހާލުވެސް މިނިސްޓަރު ބައްލަވައިލެއްވި އެވެ.

އުނގޫފާރަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ނާޒިމް ވަނީ، ރ. އަތޮޅު ކައުންސިލާއި އަދި ރ. އުނގޫފާރު ރަށު ކައުންސިލާ ބައްދަލުކުރައްވައި ރ. އަތޮޅާއި އުނގޫފާރުގައި ޞިއްހީ ޙިދްމަތް ދިނުމުގައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.

މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ރ. އަތޮޅަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރ. މަޑުއްވަރި ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

މިނިސްޓަރުގެ ދަތުރުފުޅުގައި ރ. ދުވާފަރާއި، ރ. މަޑުއްވަރިއާއި އަދި ރ. މީދުއަށް ވަޑައިގެން އެރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުތަކުގެ މުވައްޒަފުންނާ ވެސް އިއްޔެ ބައްދަލުކުރެއްވި އެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި އެ ރަށްރަށުގެ ސިއްހީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ކައުންސިލްތަކުގެ ހިޔާލުވެސް ހޯއްދެވި އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ރ. އަތޮޅަށް އިއްޔެ ކުރެއްވި ރަސްމީ ޒިޔާރަތުގައި މިނިސްޓަރު ނާޒިމްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ޑރ. ހުސައިން ފާއިޒާއި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަފީޤް ހަސަނާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.