ރާއްޖޭގެ ކަސްޓަމްސް ހިދުމަތުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުން ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާ (ޑަބްލިއުސީއޯ) އިން ލަފާ އަރުވައިފި އެވެ.

ޑަބްލިއުސީއޯގެ "ކޮލަމްބަސް ޕްރޮގްރާމް"ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ރިވިއުކުރުމަށްޓަކައި ރާއްޖެ ޒިޔާރަތްކުރި އެ ޖަމިއްޔާގެ ވަފްދުން ލަފާއަރުވާފައި ވަނީ އިމްޕޯޓާއި އެކްސްޕޯޓްކުރާ މުދަލަށް ޑިއުޓީ ދައްކާނެ އަގު ކަނޑައެޅުމާއި، ޕޯސްޓް ކްލިއަރެންސް އޮޑިޓްކުރުމާއި ރިސްކް މެނޭޖްމަންޓްގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނެވެ.

އެ ތިން ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ހިންގުމުގެ ނިޒާމަށް ގެނެވިދާނެ ބަދަލުތަކާއި މުވައްޒަފުން ތަމްރީންކުރުމާއި ކަމާގުޅޭ މުއައްސަސާތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ގަވާއިދުތަކާއި އުސޫލުތައް އިތުރަށް ތަފްސީލްކުރުމަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ވަފުދުން ލަފާ އަރުވާފައިވާއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސް އިން ނުދެއެވެ.

ކަސްޓަމްސް ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އަހުމަދު ޒުހޫރު ވިދާޅުވީ، ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ވަފުދުގެ ފަރާތުން ހުށަހެޅުއްވި ކަންތައްތައް ހާސިލްކުރުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ފަރާތުން ހުށައެޅި ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ރޭވިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.