14 Nov 2014, 10:31
ތަރައްގީގެ މަގު ފަހިވަމުން އަންނަ އިރު އަހަރުމެންގެ ދުނިޔެ ދަނީ މަޑުމަޑުން ހަލާކުވަމުންނެވެ. ކާރުތަކުންނާއި އެފަދައެހެނިހެން އުޅަނދުތަކުން ބޭރުވާ ދުމުން ދުނިޔެ ވަށައިގެންވާ ވައި ވަނީ ނުސާފުވެފައެވެ. މޫދަށް އުކުމުންދާ ކުންޏާއި ދޯނި ފަދަ އުޅަނދުތަކުގެ ތެޔޮ އެޅުމުން ފެން ވަނީ ތަޣައްޔަރުވެފައެވެ. އަދި ގަސްގަހާގެހި އިންދުމަށް ފަސޭހަކޮށް ދަނޑުވެރިކަން ކުރިއެރުވުމަށް ދަނޑުތަކުގެ ވެއްޔަށް ސޫފާސޫފި މަރާ ބޭސް ޖެހުމުން ފަސްގަނޑުވަނީ ވިހައަކަށްވެފައެވެ. އިންސާނުންގެ ވަށައިގެންވާ މިހުރިހާ ނޭދެވޭ "ޓޮކްސިން"ތަކުގެ ސަބަބުން އަހަރުމެންގެ ހަށިގަނޑުގައި ވެސް "ޓޮކްސިން"ތައް އިތުރުވާން ފަށައެވެ.
ހަށިގަނޑުގައި "ޓޮކްސިން" ހުންނަންޖެހޭ މިންގަނޑުގެ ހަމަހަމަކަން ގެއްލި "ޓޮކްސިން" ގިނަވެއްޖެ ނަމަ ތަފާތު ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. ހަށިގަނޑުގެ "ޓޮކްސިން" ލެވެލް މަތިވެއްޖެނަމަ މީހާ ވަރުބަލިވެ، ގައިގެ ތަންތަން ދުޅަވެ، ސައިނަސް ބަލިޖެހުމަށް މަގުފަހިވެ، ގޮހޮރުގައި ގޭސް އުފެދި، ހަމުގެ ތަފާތު ބަލިތައް ޖެހުމުގެ އިތުރުން ހަށިގަނޑުގެ ކާނާ ހަޖަމުކުރާ ނިޒާމަށް ވެސް ގެއްލުންވެ އެވެ. ވީމާ ހަށިގަނޑުން "ޓޮކްސިން" ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިލިޔުމުގައި ބަލައިލާފައި ވާނީ "ޑީޓޮކްސް" ކުރުމަށް ނުވަތަ ހަށިގަނޑުގައި ހުންނަ "ޓޮކްސިން"ތައް ބޭރުކުރުމަށް ކެވިދާނެ 8 ކާނާއެއްގެ ވާހަކައެވެ.
• ލުނބޯ
ގިނަ އަދަދެއްގެ ވިޓަމިންްސްއާއި އެންޓިއޮކްސިޑަންޓްސް އެކުލެވޭ ލުނބޮޔަކީ ހަށިގަނޑުން "ޓޮކްސިން"ތައް ބޭރުކުރުމަށް އެންމެ ފައްކާ އެކައްޗެވެ. ލުނބޯގައި ހުންނަ ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގައި "ގްލޫޓަތިއޯން" ކިޔާ މާއްދާއެއް އުފެދެ އެވެ. އެމާއްދާއަކީ ހަށިގަނޑުން "ޓޮކްސިން"ތައް ބޭރުކުރަން މަސައްކަތްކޮށްދޭ އެއްޗެކެވެ. އޭގެއިތުރުން ލުނބޮޔަކީ މީހާގެ ގައިގައި ވަރުޖައްސާ، ހަށިގަނޑުގައި ހުންނަ ކާނާ ހަޖަމުކުރުމުގެ ބާރުވެސް ގަދަކޮށްދޭ އެއްޗެކެވެ.
ކޮންމެ ދުވަހަކު ހެނދުނު ހުސް ބަނޑާ ތާފަނާ ފެނަށް ލުނބޯ ފަޅިއެއްގެ ހުތް އަޅައިގެން ބޯލުމުން ހަށިގަނޑުގައި ހުރި ނޭދެވޭ "ޓޮކްސިން"ތައް ބޭރުވާނެ އެވެ.
• ބީޓްރޫޓް
ބީޓްރޫޓަކީ ހަށިގަނޑަށް ފައިދާހުރި ދެ ކެމިކަލެއް ކަމަށްވާ "ބެޓައިން" އާއި "ޕެކްޓިން" އިން މުއްސަނދިވެފައިވާ ތަރުކާރީއެކެވެ. މި ދެ ކެމިކަލަކީ ހަށިގަނޑުގެ ކާނާ ހަޖަމުކުރާ ނިޒާމާއި މޭ ވެސް "ޓޮކްސިނުން ސާފުކޮށްދޭ ކެމިކަލްތަކެކެވެ. ހަށިގަނޑު ޑީޓޮކްސް ކުރުމަށް ބޭނުންވާ މިނަރަލްސްތަކެއް ކަމުގައިވާ ދަގަނޑު، މެގްނީޒިއަމް، ކެލްޝިއަމް އާއި ޒިންކްވެސް ބީޓްރޫޓްގައި ހިމެނެ އެވެ. ނަމަވެސް ބީޓުރޫޓުގައި ގިނަ އަދަދަކަށް އޮކްޒަލޭޓްސް ހުރުމުގެ ސަބަބުން ކިޑްނީގައި ހިލަ ހުންނަ މީހުން ބޭނުންކުރުމަށް މިއީ އެހާ ރަނގަޅު ތަރުކާރީއެއް ނޫނެވެ.
ހަށިގަނޑުން "ޓޮކްސިން" ބޭރުކުރުމަށް ރޮލާ ހުންނަ ބީޓްރޫޓް ސެލަޑެއްގެ ގޮތުގައި ކެއުން ރަނގަޅުވާނެ އެވެ. ނުވަތަ ބީޓްރޫޓުން ފަންޏެއް ހަދާލައިގެން ވެސް ބޯލެވިދާނެ އެވެ. ދެ ތިން ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު މިގޮތައް ބީޓްރޫޓް ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ "ޓޮކްސިން"ތައް ފިލުވައިލާނެ އެވެ.
• ގްރީން ޓީ
ގްރީން ޓީ އަކީ އެންޓިއޮކްސިޑަންޓްސްގެ އެންމެ ބާރުގަދަ ބާވަތްތައް ކަމަށްވާ "ކެޓެޗިންސް" އެކުލެވިގެންވާ ފެހި ކުލައިގައި ހުންނަ ހާބަލް ސައެކެވެ. މި ސައި ބުއިމުން ހަށިގަނޑުގައި ހުންނަ "ޓޮކްސިން"ތައް ފިލުވަން މުހިންމު ގުނަވަނެއްކަމަށްވާ މޭ (ލިވާ) ސާފުވެ އެވެ. އޭގެއިތުރުން ގްރީން ޓީ އަކީ ބަރުދަން ލުއިކުރުމަށްވެސް ވަރަށް ރަނގަޅު ބުއިމެކެވެ.
ހަށިގަނޑު "ޑީޓޮކްސް" ކުރުމަށް ދުވާލަކު ދެ ތިން ޖޯޑު ގްރީން ޓީ ހަފްތާއެއް ވަންދެން ބޭނުންކުރާށެވެ. އަދި ގްރީން ޓީ ބޭނުންކުރާ ދުވަސްކޮޅު ސޮޑާއާއި ކޮފީ ބުއިން ހުއްޓާލަންވާނެ އެވެ.
• އެވޮކާޑޯ
އެވޮކާޑޯ އަކީ ގިނަ އަދަދެއްގެ "އެންޓިއޮކްސިޑަންޓްސް" އެކުލެވޭ މޭވާއެކެވެ. އެވޮކާޑޯގައި ހުންނަ މާއްދާއެއް ކަމަށްވާ "ގްލޫޓަތިއޯން" އަކީ ތަފާތު 30 ވައްތަރެއްގެ "ޓޮކްސިން"އެއް ނައްތާލައި މޭ ވެސް ސާފުކުރުމަށް އެހީވާ މާއްދާއެކެވެ. އެވޮކާޑޯ އަކީ އެތަކެއް ވިޓަމިން އަކާއި ފައިބަރުވެސް އެކުލެވިގެންވާ މޭވާއެކެވެ.
އެވޮކާޑޯ ކޮށައިގެން ދުވާލަކު ބައި ޖޯޑު ދެ ހަފްތާވަރު ކެއުމުން ހަށިގަނޑުގައި ހުންނަ "ޓޮކްސިން"ތައް ބޭރުވާނެ އެވެ.
• ކެބެޖު
ބާޒާރުން ފަސޭހަކަމާއި އެކު އަގުހެޔޮކޮށް ލިބެން ހުންނަ ތަރުކާރީއެއް ކަމަށްވާ ކެބެޖަކީ ވެސް ހަށިގަނޑު "ޑީޓޮކްސް" ކުރުމަށް ވަރަށް ފުރިހަމަ ތަރުކާރީއެކެވެ. ސަލްފާ އެކުލެވިގެންވާ ކެމިކަލެއް ކަމަށްވާ "ގްލޫކޯސިނޮލޭޓްސް" ހިމެނޭ ކެބެޖަކީ ހަށިގަނޑުގައި ހުންނަ ނޭދެވޭ ކެމިކަލްތައް ނައްތާލާ އެއްޗެކެވެ. ކެބެޖުގައި ހުންނަ ވިޓަމިން ސީ އާއި ފައިބަރުގެ އެހީގައި މޭ ސާފުވެ، ހަށިގަނޑު "ޑީޓޮކްސް" ވުމަށް މަގުފަހިވެގެންދެ އެވެ.
"ޑީޓޮކްސް" ކުރުމަށް ކުޑަކޮށް ރޯފިލުވައިލައިގެން ހުހާ ވެސް ކެބެޖު ބޭނުންކުރެވިދާނެއެވެ. ނުވަތަ ސެލެޑެއް ގޮތައް ވެސް ކެވިދާނެ އެވެ. އޭގެއިތުރުން ރޮލާ ހުންނަ ކެބެޖު މިކްސްޗަރަށް އަޅައިގެން ޖޫހެއް ހަދާލައިގެން ވެސް ބޮވިދާނެ އެވެ.
• ލޮނުމެދު
ލޮނުމެދު ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. އޭގެއިތުރުން އޭގައި ހުންނަ ވިޓަމިން ސީ އާއި "ގްލޫޓަތިއޯން" މާއްދާގެ ސަބަބުން ހަށިގަނޑުގެ "ޓޮކްސިން" މިންވަރު އަސްލު ހުންނަންޖެހޭ މިންވަރުގައި ދަމަހައްޓައިދެއެވެ.
ރޮލާ ހުންނަ ލޮނުމެދު ކުދިކޮށް ކޮށާލައިގެން ނުވަތަ ޗިސްކޮށްގެން ވެސް ކެވިދާނެ އެވެ. ލޮނުމެދުގެ ރަހަ ނުބައި ނަމަ ޑޮކްޓަރެއްގެ ލަފާއާއި އެކު ލޮނުމެދު އަޅާފައި ހުންނަ ކެޕްސިއުލްއެއް ވެސް ކެވިދާނެ އެވެ.
• ކޮލިފްލާވާ
ކޮލިފްލާވާ އަކީ "ގްލޫކޯސިކޮލޭޓްސް" އާއި ވިޓަމިން ސީގެ އިތުރުން ވިޓަމިން ކޭ ވެސް އެކުލެވޭ ތަރުކާރީއެކެވެ. މެއާއި ހަށިގަނޑުގައި ހުންނަ "ޓޮކްސިން"ތައް ސާފުކުރުމުގެ އިތުރުން ކޮލިފްލާވާއަކީ ރަހަ ވެސް މީރު ތަރުކާރީއެކެވެ.
ސެލެޑެއްގެ ގޮތުގައި ނޫނީ ފެނުގައި ނުވަތަ އާވިން ކައްކައިގެންވެސް ކޮލިފްލާވާ ބޭނުންކުރެވިދާނެ އެވެ.
• އިނގުރު
އިނގުރުގައި ހުންނަ ދެ މާއްދާއެއް ކަމަށްވާ "ޖިންޖެރޯލްސް" އާއި "ޝޮގޯލްސް" އަކީ ހަށިގަނޑުގައި ހުންނަ "ޓޮކްސިން"ތައް ބޭރުކުރުމަށް ފަސޭހަކޮށްދިނުމަށް ގޮހޮރުގައި ކާނާ ހަޖަމުވުން އަވަސްކޮށްދޭ ދެމާއްދާއެކެވެ. މޭގައި ސަރުބީޖަހައިފައި ހުންނަ މީހުނަށް ވެސް އިނގުރު ކެއުމުން ފައިދާވާނެ އެވެ.
ހަށިގަނޑު "ޑީޓޮކްސް" ކުރުމަށް ސައިތައްޓަށް އިނގުރު އަޅައިގެން ބޮވިދާނެއެވެ. މިހެން ހެދުމަށް އިނގުރު ގާނާފައި ސަމްސަލެއްގެ އިނގުރު ހޫނު ފެނަށް އެޅުމަށްފަހު 10 މިނެޓު ވަންދެން ގިރާލާށެވެ. އަދި އެއަށް އާދައިގެ ސައިފަތެއް ނުވަތަ ގްރީން ޓީ ހަދާ ކަހަލަ ސައިފަތެއް ލައިގެން ވެސް ބޯލެވިދާނެ އެވެ.
• އާފަލު
އާފަލުގައި ފައިބަރުގެ ތަފާތު ދެވައްތަރެއް ހިމެނެއެވެ. އެއީ ސެލިއިލޯސް އާއި ޕެކްޓިންއެވެ. ސެލިއުލޯސްގެ މަސައްކަތަކީ ހަށިގަނޑުގެ ގޮހޮރު ސާފުކުރުމެވެ. އަދި ޕެކްޓިން އަކީ ލޭނާރުތައް ސާފުކޮށްދޭ މާއްދާއެކެވެ. އަވަސްގޮތެއްގައި ހަށިގަނޑުން "ޓޮކްސިން" ފިލުވައިލުމަށް ދެ ދުވަސް ވަންދެން ހުސް އެކަނި އާފަލު ކާށެވެ. އަދި މިދެދުވަހު ހާބަލް ޓީ، ގްރީން ޓީ ބޭނުންކުރެވިދާނެ އެވެ. ނަމަވެސް އެހެން އެއްވެސް އެއްޗެއް ކެއުމާއި ބުއިމަކީ މަނާ ކަމެކެވެ. މިދުވަސްކޮޅު ވަރުބަލިވެ، ގޭސްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދެ ދުވަސް ފަހުން އާދައިގެ މަތިން ކާން ފެށުމުން އެއުނދަގޫތައް ވެސް ހުއްޓޭނެ އެވެ.
• ފްލެކްސީޑު
ފްލެކްސީޑަކީ ކާނާ ހަޖަމުކުރުމަށް ފަސޭހަކޮށްދީ، ފާހާނާކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އަދި ހަށިގަނޑު "ޑީޓޮކްސް" ކުރުމަށާއި ދިފާއީ ނިޒާމު ވަރުގަދަކުރުމަށް މުހިންމު މާއްދާއެއް ކަމަށްވާ އޮމޭގާ - 3 ފެޓީ އެސިޑް ވެސް ފްލެކްސީޑުގައި ހިމެނެއެވެ.
ހަށިގަނޑުން "ޓޮކްސިން"ތައް ފިލުވައިލުމަށް މުގުރާފައި ހުންނަ ފްލެކްސީޑުގެ އެއް ސަމްސާ ފެންތައްޓަކަށް އަޅައިގެން ހެނދުނު ހުސް ބަނޑާ ހުރެ ބޯލާށެވެ.
މައުލޫމާތު: ހެލްތް ޑައިޖެސްޓް