ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަހަރު ތެރޭގައި އިތުރު ތިން ސީޕްލޭން ގެނައުމަށް ނިންމާފައިވާކަމަށް އެކުންފުނި ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު 'ސަން'އަށް ވިދާޅުވީ، "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ތިން ބޯޓް މިއަހަރު ތެރޭގައި ރާއްޖެގެނައުމަށް ނިންމާފައިވައިރު އޭގެ ތެރެއިން އެއް ބޯޓް މިއަދު ރާއްޖެ އަންނާނެ ކަމަށެވެ.

ހާރިޝް ވިދާޅުވީ، އާ ބޯޓުތައް ގެނައުމާއެކު މޯލްޑިވިއަނުން ތަފާތު ވަޒީފާތައްވެސް ތައާރަފް ވެގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 249 ވަޒީފާ އެ ކުންފުނިން އަލަށް ތައާރަފް ކޮށްފައިވާއިރު ކުރިއަށްއޮތް އަހަރުގެ ތެރޭގައިވެސް އެ މިންވަރަށް ވަޒީފާތައް އިތުރުވެގެންދާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތައާރަފް މިކުރާ ވަޒީފާތަކަކީ ސްކިލްޑް ވަޒީފާތަކެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ސަރުކާރުގެ މަސައްކަތްތަކާ އެއްގޮތަށް ވަޒީފާތައް އިތުރުކުރުން،" ހާރިޝް ވިދާޅުވި އެވެ.

މޯލްޑިވިއަނުން އިތުރު ސީ ޕްލޭންތަކެއް ގެންނަ އިރު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުންފުނީގެ ދެ ވަނަ ޖެޓް އެއާ ކްރާފްޓް ގެނެވޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ.

ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދިޔަ ދެ ކުންފުނި ކަމަށްވާ މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މެޖޯރިޓީ ހިއްސާ، މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް" އިން ގަތުމަށް ފަހު އެ ދެ ކުންފުނި މިހާރު ވަނީ އެއްކޮށްލައިފަ އެވެ. އެހެން ކަމުން މޯލްޑިވިއަންގެ ދަތުރުތަކާ އެކު ސީޕްލޭންގެ ވާދަވެރިކަން އަނެއްކާ ވެސް އިތުރު ވާނެ އެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިހާރު އެކުންފުނިން ދަނީ ތ. ހއ. އަތޮޅަށް ސީ ޕްލޭންގެ ދަތުރުތައް ކުރަމުންނެވެ.