04 Apr 2010, 10:56
14:30
އައްޑޫ އާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށާއި މި އަހަރުގެ ނިމުމުގެ ކުރިން އެ ދެ އަތޮޅުގެ ބައެއް ހިސާބުތަކަށް ސާފު ބޯފެން ފޯރުކޮށްދެވޭނެ ކަމަށް ސަދަން ޔުޓިލިޓީޒް ކުންފުނިން ބުނެފި އެވެ.
ސަދަން ޔުޓިލިޓީޒް ކުންފުނީގެ ޗެއާމަން އަހުމަދު ޒަރީރު މިއަދު ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނީގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ވަނީ ޕްރޮޖެކްޓް ވެލިއު އާއި، ޕްރިމިލިނަރީ ސާވޭތައް ހަދައި ނިމިފައި ކަމަށާއި މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން އަންނަ މެއި މަހުގެ ތެރޭގައި އިންޖިނޭރުންގެ ޓީމަކުން މަސައްކަތް ފަށާނެ ކަމަށްވެސް ޑޒަރީރް ވިދާޅުވި އެވެ. އަދި ޑީޓެއިލް ޑިޒައިންގެ އެޕްރޫވަލާއި، ފައިނޭންސާއި ހުރިހާ މަގުތަކެއް ކޮނެ ނިންމުމަށް، ގާތްގަނޑަކަށް ހަ މަސް ނަގާނެ ކަމަށާއި އޭގެ ފަހުން އައްޑޫ އާއި ފުވައްމުލަކުގެ ތިން ޒޯނެއްގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
އައްޑޫއާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އޮޕަރޭޓިން ލައިސަންސް ސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާވާ ކުންފުނި އެމްޑަބްލިއުއެސްއީ އަށް ދީފަ އެވެ. އެހެން ނަމަވެސް އެމަސައްކަތް ސަދަން ޔުޓިލިޓީޒުން ކުރަމުންދާތީ ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާތީ ރައްޔިތުންނަށް އެކަމުގެ އޮޅުން އަރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ޒަރީރު ވިދާޅުވީ އެމްޑަބްލިއު އެސްސީ އަށް އެ ލައިސަންސް ސަރުކާރުން ދީފައިވަނީ އެ ކުންފިނި އުފެދުމުގެ ކުރިން ކަމަށާއި އަދި ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ވީހާވެސް ގާތުން އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ސަދަން ޔުޓިލިޓީޒާއި އިނގިރޭސިވިލާތުގެ ބައިވޯޓަރ އިންޓަނޭޝަނަލް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ އެ ކުންފުނިން އުފައްދާ ފެން ގަތުމާ ބެހޭ އެއްބަސްވުމެއް ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި އައްޑޫއާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސަދަން ޔުޓިލިޓީޒް ކުންފުންޏާ ބައިވޯޓަރ ކުންފުނި ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދާނެ ކަމަށާއި އެއަށްފަހު އޮޕަރޭޓިން ލައިސަންސްއާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.