މިއަހަރުގެ އަންހެނުންގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލު ކުރި މެޗު 8-0ގެ ނަތީޖާއަކުން އިންޑިއާ މިއަދު ކާމިޔާބު އެވެ.

ޕާކިސްތާނުގެ ވެރިރަށް، އިސްލާމް އާބާދުގައި މިއަދު ހެނދުނު 10:25 ގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ އިން ރާއްޖެ ކޮޅަށް ދެ ލަނޑު ޖެހި އެވެ. ރާއްޖެ ކޮޅަށް ފުރަތަމަ ލަނޑު ޖެހީ އިންޑިއާގެ ޓީމުގެ ބަލާ ދެވީ އެވެ. އަދި ފުރަތަމަ ހާފުގެ ދެ ވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ. ދެ ވަނަ ހާފުގައި އޭނާ ވަނީ ރާއްޖެ ކޮޅަށް އިތުރު ދެ ލަނޑު ޖަހާފަ އެވެ.

ދެ ވަނަ ހާފްގައި އިންޑިއާ ޓީމުގެ ކަމްލާ ދެވީ ވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އަނެއް ދެ ލަނޑު ޖެހީ އޭން ބުރޭ އާއި އޮއިނަމް ދެވީ އެވެ.

މިއަދު ރާއްޖެއާ ދެކޮޅަށް އިންޑިއާއިން ހޯދި ކާމިޔާބީގެ ނަތީޖާއެކު އިންޑިއާ ވަނީ އަށް ލަނޑުގެ ފައިދާއަކާއެކު މުބާރާތުގެ ގްރޫޕް 'އޭ'ގެ ތާވަލްގެ އެއް ވަނަ މަގާމް ހޯދާފަ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި މިއަދު ކުޅުނު ދެ ވަނަ މެޗުގައި ބަންގްލަދޭޝް އާއި އަފްގާނިސްތާން ބައްދަލުކޮށް 6-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ބަންގްލަދޭޝް އެވެ. އެ ނަތީޖާއާއެކު ގްރޫޕް 'އޭ' ގެ ތާވަލްގެ ދެ ވަނައިގާ ފަސް ލަނޑުގެ ފައިދާ އަކާއެކު އޮތީ ބަންގްލަދޭޝް އެވެ.

މުބާރާތުގައި ދެން ރާއްޖެ ކުޅޭނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.