13 Nov 2014, 22:25
މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި އިތުރު އެއްވެސް ޚަރަދެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް މިއަހަރު ވެސް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި އިތުރު އެއްވެސް ޚަރަދެއް ބަޖެޓުން ނުކުރުމަށާއި އިތުރު ޚަރަދެއް ކުރަންޖެހިއްޖެނަމަ އެކަން ކުރަންޖެހޭނީ އެ މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށެވެ.
އެ ސާކިއުލާގައި ވަނީ ދައުލަތުގެ އިދާރާތަކަށް މުވައްޒަފުން ނެގުންފަދަ އެއްވެސް ޚަރަދެއް މީގެފަހުން ކޮށްގެންނުވާނެ ކަމަށެވެ. މިދިޔަ އަހަރުވެސް ފިނޭންސް މިނިސްޓްރީން ވަނީ އެފަދަ އެންގުމެއް ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.
ބަޖެޓުގައި ލަފާކޮށްފައިވާ އަދަދަށް އާމްދަނީ ނުލިބުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހު ބުނެފައެވެ. އެކަން ބަޔާންކޮށް އެ މިނިސްޓްރީން މިދިޔަ މަހު ނެރުނު ސާކިއުލާގައި ވަނީ ލަފާކޮށްފައިވާ މިންވަރަށް އާމްދަނީ ނުލިބުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އޮފީސްތަކުގެ ބަޖެޓުން ބައެއް އުނިކޮށްފައިވާ ކަމަށެވެ.
މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވަނީ 15.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.