މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ބިދޭސީ ފުޓްބޯޅަ ކުޅުންތެރިޔަކަށް އަލީ އަޝްފާޤް (ދަނގަޑޭ) ހޮވުމާ ގުޅިގެން ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ސަރުކާރުގެ ފަރާތުން އޭނާއަށް މަރުހަބާ ވިދާޅުވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު މަލީހު ވިދާޅުވީ އަޝްފާގަށް ލިބުނު ކާމިޔާބީއަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ނަންފުޅުގައި އާއި ސަރުކާރުގެ ނަމުގައި ވަރަށް ހޫނު މަރުހަބާޔަކާއި ތަހުނިޔާއެއް ދަންނަވާ ކަމަށެވެ.

މެލޭޝިއާގެ ޕްރިމިއާ ލީގު ޗެމްޕިއަން ޕީޑީއާރްއެމަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ދަނގަޑޭއަށް މި އެވޯޑް ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ވަނީ ޕީޑީއާރްއެމް އާ ގުޅުމަށްފަހު އެ ޓީމުގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކައި، ޖުމްލަ 26 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.