ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމް ކުރާ ފުޓްސަލް ދަނޑުތަކަށް ބޭނުންވާ މެޓް ހޯދުމަށް އިންޑިއާގެ ކުންފުންޏަކާއެކު ޔޫތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީން ސޮއިކޮށްފައި ވަނީ އިންޑިއާގެ 'ގްރޭޓް ސްޕޯޓްސް އިންފްރާއާއެކު އެވެ. ފުޓްސަލް ދަނޑުތަކަށް ބޭނުންވާ މެޓް ހޯދުމަށް އެ ކުންފުންޏާ ހަވާލު ކުރީ 11.6 މިލިއަން ރުފިޔާއަށެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތު މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އަދި ގްރޭޓް ސްޕޯޓްސް އިންފްރާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓާ އޮފް ސޭލްސް ރުޕޭޝް ޓިއްކޫ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޔޫތު މިނިސްޓަރު ވިދާޅުވީ ގްރޭޓް ސްޕޯޓްސް އިންފްރާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސްޕޯޓްސް އެރީނާތަކުގެ 36 ފުޓްސަލް ދަނޑުގައި އެ ކުންފުނިން ފޯރުކޮށްދޭ މެޓް އަޅާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާތާރާ ހަތަރު މަސް ދުވަސް ތެރޭ އެ މެޓް ރާއްޖޭ ގެނެސް، ދަނޑުތައް ގާއިމް ކުރާ ރަށްރަށަށް އެތަކެތި ފޮނުވައި، އިންސްޓޯލް ކުރާނީ ވެސް އެ ކުންފުނިން ކަމަށް މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ފޯރުކޮށްދޭ މެޓަކީ، ފުޓްސެލް ދަނޑުތަކުގައި އަޅާ މިފަދަ މެޓް އުފައްދާ ދުނިޔޭގެ އެންމެ މޮޅު ކުންފުނީގެ އުފެއްދުމެއް ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އަޅާ ފުޓްސްލް ދަނޑުތަކުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓަރު މަލީހު މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ 10 ފުޓްސަލް ދަނޑުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ބާކީ ނުނިމި ހުރި ދަނޑުތަކުގެ 10 އިންސައްތަ ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.