13 Nov 2014, 19:05
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހަޔާތުގައި މި އަހަރަކީ އެންމެ ކާމިޔާބު އަހަރު ކަމަށް އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ލައިފްބޯއީ ޓާފު ދަނޑުގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ)ވައިޑީޕީ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ގިނަ ބަޔަކު ގަބޫލު ކުރަން ބޭނުން ނުވި ކަމުގައި ވިޔަސް މިއަހަރަކީ އެފްއޭއެމްގެ އެންމެ ކާމިޔާބު އަހަރަކަށްވީ ގިނަ ކަންތައްތަކެއް ހާސިލް ކުރެވުމުން ކަމަށެވެ.
"އެފްއޭއެމް ހަޔާތުގަ މި އަހަރަކީ އެންމެ ކާމިޔާބު އަހަރު. ބަޔަކަށް ގަބޫލު ކުރެވުނަސް ނުވަތަ ނުކުރެވުނަސް މި އަހަރަކީ އެފްއޭއެމްގައި އެތަކެއް ކަންތައްތަކެއް ހާސިލް ކުރެވުމަށްފަހު ނިމިގެންދާ އެންމެ ކާމިޔާބު އަހަރު،" ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިލްހާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ އެންމެ ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދަނީ އޭޝިޔާގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމާއި އަތޮޅު ފުޓުބޯޅަ މުބާރާތް ބޭއްވުން ކަމުގައި އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅު މުބާރާތް އެތައް ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، ފޯރިއާއެކު އެ މުބާރާތް ފަށާފައި ވަނީ މިއަހަރު ކަމަށެވެ.
މިއަދު ފެށި ވައިޑީޕީ ފެސްޓިވަލަކީ "މުސްތަގުބަލުގެ ޒުވާން ކުޅުންތެރިންގެ އެންމެ ބޮޑު އީދު"ގެ ނަމުގައި މިއަދުން އާއި ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ފެސްޓިވަލުގައި ސްކޫލްތަކުން 500 އަށް ވުރެ ގިނަ ކުދިން ބައިވެރިވެ އެވެ.
އެފްއޭއެމް އިން ބުނީ އަހަރު އެއް ފަހަރު ބާއްވަމުން އަންނަ ފެސްޓިވަލް އަންނަ އަހަރު ދެ ފަހަރު ބާއްވާނެ ކަމަށެވެ.