ފ. ނިލަންދޫގައި "އިންޓަ އޮފީސް ގޭމްސް 2014" ގެ ނަމުގައި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާ ކުޅިވަރު މުބާރާތެއް ފަށައިފި އެވެ.

މި މަހުގެ 10 އިން 17 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ސަރުކާރުގެ ފަސް މުއައްސަސާއަކުން ބައިވެރިވެފައި ވެއެވެ. އެގޮތުން ފ. އަތޮޅު ތައުލީމީ މަރުކަޒާއި ފ. ނިލަންދޫ ކައުންސިލް އިދާރާގެ އިތުރުން، ފ. އަތޮޅު ކައުންސިލް އިދާރާ އާއި މެޖިސްޓްރޭޓް ކޯޓް އަދި ނިލަންދޫ ޕޮލިސް ސްޓޭޝަންވެސް މި ކުޅިވަރުތަކުގައި ބައިވެރިވެފައި ވެއެވެ.

ފުޓްސަލް މުބާރާތަކާއި ރާޒުވާ އަދި އަންހެނުންގެ ވޮލީބޯޅަ މުބާރާތެއްގެ އިތުރުން، ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ހިމެނޭ ގޮތަށް ކެރަމް އާއި ބެޑްމިންޓަން މުބާރާތްތަކެއްވެސް މި ގޭމްސްގައި ހިމެނިފައި ވެއެވެ.

ރާޒުވާ މުބާރާތުގެ ފައިނަލަށް ފ. އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައި ވާއިރު، ބެޑްމިންޓަންގެ ޑަބަލްސް އިވެންޓުގެ ފައިނަލަށް މެޖިސްޓްރޭޓް ކޯޓާއި ތައުލީމީމަރުކަޒު ވަނީ ހޮވިފައެވެ.

ފ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ވަނީ މިދިޔަ ތިން އަހަރުވެސް ބާއްވާފައެވެ. ސަން އަށް މައުލޫމާތު ދެއްވަމުން ފ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަދި ކްލަބުގެ ރައީސް އަހުމަދު ނިޒާމް ވިދާޅުވީ، މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ އެ ރަށުގައި ހުރި ސަރުކާރު އޮފީސްތަކުގެ މުއައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުން ކަމަށާއި، އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށެވެ.