ޖުމްހޫރީ ދުވަހާ ގުޅުވައިގެން މިމަހުގެ 11 އިން ފެށިގެން ކުރިއަށްދާ ދ. އަތޮޅު ބަށި މުބާރާތުގެ ދެ މެޗު އިއްޔެ ކުޅެވިފައި ވާއިރު، ފުރަތަމަ މެޗު މާއެނބޫދޫގެ 'ޔަމި' ކާމިޔާބުކޮށް، ދެވަނަ މެޗު ބަނޑިދޫ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމެޓީން ކާމިޔާބު ކޮށްފި އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޔޫތު އެސޯސިއޭޝަން އޮފް މާއެނބޫދޫ އިނީޝިއޭޓިވް (ޔަމި) އާއި ބަނޑިދޫ ކައުންސިލްގެ ޓީމެވެ. ހަތަރު ލަނޑުގެ ތަފާތަކުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ މާއެނބޫދޫ ޔަމި އެވެ. އެ ޓީމުން މި މެޗުގައި 21 ލަނޑާއި 8 ފޯލި ކާމިޔާބު ކޮށްފައި ވާއިރު، ބަނޑިދޫ ކައުންސިލްގެ ޓީމަށް މެޗުގައި ކާމިޔާބު ކުރެވިފައި ވަނީ 17 ލަނޑާއި 4 ފޯއްޔެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ބަނޑިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި މާއެނބޫދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މި މެޗު 9 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައި ވަނީ ބަނޑިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އެވެ. އެ ޓީމުން މެޗުގައި 30 ލަނޑާއި 4 ފޯލި ކާމިޔާބު ކޮށްފައި ވާއިރު، މާއެނބޫދޫ ޒުވާނުންގެ ޖަމިއްޔާއަށް މެޗުގައި ކާމިޔާބު ކުރެވިފައި ވަނީ 21 ލަނޑާއި 7 ފޯއްޔެވެ.

މި ދެމެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމް މުބާރާތުގެ ފައިނަލްމެޗު ނިމުމަށްފަހު ދޭން ހަމަޖެހިފައި ވާއިރު، މި މުބާރާތުގައި މިއަދުވެސް އިތުރު ދެ މެޗެއް ކުޅެން ހަމަޖެހިފައި ވެއެވެ.

އެގޮތުން މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔަމި އާއި ބަނޑިދޫ ކައުންސިލްގެ ޓީމެވެ. އަދި މިއަދު ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މާއެނބޫދޫ ޒުވާނުންގެ ޖަމިއްޔާ އާއި މާއެނބޫދޫ މުޑި ޖަމިއްޔާ އެވެ.