އެމެރިކާގެ އެންމެ އުސް އިމާރާތްކަމަށްވާ 104 ފަންގިފިލާގެ "ވަން ވޯލްޑް ޓްރޭޑް ސެންޓަރު"ގެ ބޭރު ބިއްލޫރިގަނޑު ސާފުކުރަން އުޅުނު ދެމީހަކަށް ދިމާވި ނުރައްކާތެރި ހާދިސާއަކުން ސަލާމަތްކޮށްފި އެވެ.

އެމެރިކާގެ މެންހެޓަންގައި މިމަހުގެ ތިން ވަނަ ދުވަހު ހުޅުވި ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ ބޭރު ބިއްލޫރިގަނޑު ސާފުކުރަން ދެމީހަކު އިއްޔެ އެތަނަށް އަރައި އުޅުނީ އުސްތަންތަނުގައި މަސައްކަތްކުރާއިރު ބޭނުންކުރާ "ސްކެފޯލްޑިން"އެއްގައި ކަމަށް ސީއެންއެން އިން ބުންޏެވެ. ނަމަވެސް 68 ވަނަ ފަންގިފިލާއާ ހަމައިން އެ "ސްކެފޯލްޑިން"ގެ އެއް ކޭބަލް ނެއްޓި އެ ކޮށިގަނޑު އެލުމުން އެ ކޮށިގަނޑުގައި ތިބި ދެމީހުން ތިބީ އޭގެ ތެރޭގައި ތާށިވެފައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

" އަހަރެންނަށް ސްކެފޯލްޑިންގެ ތެރެއިން ފެނުނީ ދެ މީހުންގެ ބޯ. އެ ދެމީހުންވެސް ތިބީ ބިރުން ތިރިއަށް ބަލަން،" ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ ކައިރީގައި ހުރި ހޮޓަލެއްގެ 24 ވަނަ ފަންގިފިލާގައި އެވަގުތު ހުރި މީހަކު ސީއެންއެންއަށް ކިޔައިދިނެވެ.

ބިއްލޫރިގަނޑު ސާފުކުރަން ތިބި ދެމީހުން ސަލާމަތް ކުރެވުނީ މެންހެޓަންގެ ފަޔާފައިޓާސްގެ އެހީގައި ކަމަށާއި އެ ދެ މީހުން ސަލާމަތްކުރަން 90 މިނެޓު ހޭދަވި ކަމަށްވެސް އެނޫހުން ބުންޏެވެ.

ސީއެންއެން އިން ބުނީ "ސްކެފޯލްޑިން"ގައި ތާށިވެފައި ތިބި ދެ މުވައްޒަފުން ސަލާމަތްކުރީ ޖަވާހިރުން (ޑަޔަމަންޑް) ހަދާފައިވާ ކީހެއް ބޭނުންކޮށްގެން ދެ އިންޗިއެއް ހާ ބޯމިން ހުރި ބިއްލޫރިގަނޑު ކަފާލައި އެތަނުން އެމީހުން އިމާރާތުގެ ތެރެއަށް ވައްދައިގެން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ދެ މުވައްޒަފުން ވެސް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށް މެންހެޓަންގެ ފުލުހުން ބުނިކަމަށްވެއެވެ.

އޮފިޝަލުން ބުނީ "ސްކެފޯލްޑިން"ގައި ތާށިވެފައި ތިބި ދެ މީހުނާއި ރެސްކިއު ކްރޫ އާއި ވާހަކަދެއްކީ ކުޑަ ރޭޑިއޯ އެއް ޓެރަހުން ތިރިކޮށްގެން ކަމަށެވެ. އަދި "ސްކެފޯލްޑިން"ގައި ހުރި ވާގަނޑުތަކުގެ އިތުބާރެއް ނެތުމުން ސަލާމަތީ ކަންކަމަށް އިތުރު އެހެން ކޭބަލްތަކެއް ވެސް ބިއްލޫރިގަނޑު ސާފުކުރަން ތިބި މީހުނާ ހަމައަށް ފޮނުވި ކަމަށް ވެސް އޮފިޝަލުން ބުނިކަމަށް ސީއެންއެންގައިވެ އެވެ.

"ސްކެފޯލްޑިން"ގެ ވާގަނޑު ނެއްޓުނު ސަބަބެއް އަދި މިހާތަނަށް މީޑީއާއަށް ހާމަކޮށްފައި ނުވާކަމަށްވެސް ސީއެންއެން އިން ބުންޏެވެ.