13 Nov 2014, 16:24
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ޒޯން މުބާރާތްތަކުގެ ތެރެއިން ޒޯން ހައެއްގެ ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.
އެ މުބާރާތުގައި ކުޅޭނީ ޒޯން ހައެއްގައި ހިމެނޭ ލ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު އަދި ތ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. ލ. އަތޮޅުން މުބާރާތް ކާމިޔާބު ކޮށްފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. އަދި ރަނަރަޕް ޓީމަކީ ފޮނަދޫ ޒުވާނުންގެ ގުޅުމެވެ. ތ. އަތޮޅު މުބާރާތް ވަނދޫ ވިޓްސް ޖަމިއްޔާ އިން ހޯދިއިރު ރަނަރަޕް ޓީމަކީ ވޭމަންޑޫ ޒުވާނުންގެ ގުޅުމެވެ.
ވޭމަންޑޫ ދަނޑު ގައި މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައިވާއިރު އެ މެޗުގައި ބައްދަލު ކޮށްފައިވަނީ ވޭމަންޑޫ ޓީމާއި މާބައިދޫ ޓީމެވެ. މެޗުގައި 2-1 ލަނޑުން މޮޅުވެފައިވަނީ ތ. އަތޮޅު މުބާރާތުގެ ރަނަރަޕް ޓީމު ވޭމަންޑޫ އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމު އަހުމަދު ނަދީމު އެވެ.
މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވަންދޫ ވިޓްސް ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ގުޅުމެވެ.