އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިމަނާފައި ވާނީ ސިއްހަތަށް ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް މިއަދު ވިދާޅުވީ ބަޖެޓުގެ ބޮޑު ބައެއް ސިއްހަތަށް ހާއްސަކޮށްފައި ވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ރަށްރަށުގައި ފެނާއި ފާހާނާގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެން ނެތުމުގެ ސަބަބުން އެކި ކަހަލަ ބަލިތައް ޖެހެމުންދާތީ ކަމަށެވެ.

"ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަންނަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނުގެ ހިދުމަތް ދެއްވަން. ރަށްރަށުގައި ރަނގަޅު ފާހާނާގެ ހިދުމަތް ދެއްވަން. ރައްޔިތުންނަށް ފުރިހަމަ ސިއްހަތެއް ލިބިގެން ނޫނީ ފުރިހަމަ ކުރިއެރުމެއް ނުލިބޭނެ. އެގޮތުން އަޅުގަނޑުމެންގެ ބަޖެޓުގައި އެންމެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ސިއްހަތަށް،" ސިޔާމް ވިދާޅުވިއެވެ.

ސިއްހަތުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު ބައެއް ހިމަނާފައި ވަނީ ތައުލީމަށާއި އުމްރާނީ ގޮތުން ރާއްޖެ އިތުރަށް ތަރައްގީ ކުރުމަށް ކަމަށް ވެސް އެމްޑީއޭގެ ލީޑަރު ވިދާޅުވިއެވެ.

ސިއްހަތު ސަލާމަތްކުރުމަށް ޓަކައި "އެކަށީގެންވާ" އަދަދެއްގެ ގްރީން ޓެކްސް އެއް ނެގުމަށް ފަހު ރަށްރަށުގައި ރަނގަޅު ފެންވަރެއްގެ ކުނި ނައްތާލުމުގެ ނިޒާމެއް އެކުލަވާލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކަފުޅުގައި، މިނިވަން މުއައްސަސާ ތަކަށް އަލި އަޅުވައިލައްވަމުން ވިދާޅުވީ އެތަންތަނުގައި ކުރަމުން އަންނަ މަސައްކަތް ކައިރިން ބަލަން ޖެހޭ ކަމަށެވެ. އެއީ އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ނާޖާއިޒު ގޮތުގައި ރައްޔިތުންގެ ފައިސާ ބޭނުން ކުރަމުން ދާތީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ބަޖެޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖެއަށް ހަމައެކަނި އާމްދަނީ ވަންނަނީ ޓުއަރިޒަމުން ކަމަށާއި އިދިކޮޅު ޕާޓީން ރާއްޖޭގެ ޓުއަރިޒަމް ހަލާކު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސައްތަ އިން ސައްތަ ލިބޭ "އިންކަމް" އަކީ ފަތުރުވެރި ކަމުގެ އިންޑަސްޓްރީން ވަންނަ އިންކަމަކަށް ވާއިރު މިއަދު ވަރަށް ބޮޑަށް ހިތާމަކުރަން އެބަ ޖެހޭ. ފްރާންސްގެ އެންމެ މަތީ ފަންތީގަ ނެރޭ ޓުއަރިޒަމް މެގަޒިންގަ އިއްޔެ މިއޮންނަނީ ދިވެހި ރާއްޖެ އަށް ފަތުރުވެރިން ނުދިޔުމަށް ގޮވާލާފަ. މިކަން ކުރަމުން މިދަނީ މިހާރު އަޅުގަނޑުމެންނާ އިދިކޮޅު ޕާޓީ އިން،" ސިޔާމް ވިދާޅުވިއެވެ.