13 Nov 2014, 16:09
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއަށް އަލަށް ގުޅުނު 1597 މީހުންގެ ފޯމާއި އަލަށް އެ ޕާޓީގައި ރަޖިސްޓަރީ ކުރި 63 ގޮފީގެ ފޯމު ޕީޕީއެމްއާ ހަވާލުކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯމުތައް ޕާޓީއާ ހަވާލުކޮށްދެއްވީ އަތޮޅުތަކުގައި މަސައްކަތްކުރާ އެ ޕާޓީގެ ގޮފިތަކުގެ އިސްވެރިންނެވެ. ޕީޕީއެމްގެ ފަރާތުން އެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެވެ.
ފޯމުތަކާ ހަވާލުވެ ވަޑައިގަތުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ އެހާގިނަ ފަރާތްތަކެއް އެ ޕާޓީއާ ގުޅެމުން އަންނަކަމީ އެޕާޓީ ދިވެހި އެންމެހާ ރައްޔިތުންގެ މެދުގައި މަގުބޫލު އަދި ބަލައިގަންނަ ޕާޓީއަކަށް ވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
"މިކަމުން ދައްކައިދެނީ ޕީޕީއެމްއަކީ ރައްޔިތުން ބަލައިގަންނަ ޕާޓީއަކަށް ވެފައިވާކަން. ވޭތުވެދިޔަ ތިން އަހަރަކީ ޕީޕީއެމްއަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ތިން އަހަރު. އެކަމަށްޓަކާ އަޅުގަނޑު މާތް ﷲ އަށް ހަމްދުކޮށް ޝުކުރުކުރަން،" މައުމޫން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، މި ސަރުކާރަށް އެއް އަހަރު ވެފައިވާ އިރު ރައްޔިތުން ބަލައިގަންނަ ކަންތައްތަކެއް ކޮށްދެވިފައިވާ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްއަށް އަލަށް ގުޅުނު ފަރާތްތަކާއި ގޮފިތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ބައިވެރިވި އެވެ.