13 Nov 2014, 15:56
މި އަހަރު ސަރުކާރު ހިންގުމުގައި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަށް އަލަށް ގުޅުނު ގިނަ މެންބަރުން ތަކަކާއި ގޮފިތަކެއްގެ ފޯމް އެ ޕާޓީއަށް ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ހުށައަޅާ ފުރަތަމަ ބަޖެޓް މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިރު، މި އަހަރު ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވާނީ ސިއްހީ ދާއިރާ އަށް ކަމަށެވެ.
"މިސަރުކާރުގެ ފުރަތަމަ ބަޖެޓް މިހާރު މި ހުށަހެޅީ. މިދިޔަ އަހަރު ހުށަހެޅީ މި ސަރުކާރުގެ ބަޖެޓެއް ނޫން. މިއަހަރު އެންމެ ބޮޑު ހޭދައެއް ބަޖެޓުގެ ތެރެއިން ކޮށްފައި ވާނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް. އެއީ ރާއްޖޭގައި ސިއްހީ ފަރުވާދޭނެ ރަނގަޅު ނިޒާމެއް ހަމަޖައްސައި ރާއްޖެއިން ފަރުވާ ލިބެން ނެތަސް ބޮޑެތި ބަލިތަކަށް އާސަންދައިގެ ތެރެއިން ޝިފާ ލިބޭ ގޮތަށް ފަރުވާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތަށް ވައުދުތައް ފުއްދަން ސަރުކާރު އަބަދުވެސް މަސައްކަތް ކޮށް އެ ކަންކަން ފުއްދާނެ ކަމަށެވެ. އަދި އާސަންދައިގެ ދަށުން މިހާރު ވެސް 20 ވަރަކަށް މީހުންގެ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފައިވާ އިރު އެއީ މީގެ ކުރިން ރާއްޖޭގައި ކުރެވިފައި ނުވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ވިދާޅުވީ "ދިވެހިރާއްޖެ މިހާރު މިހޯދާ ކުރިއެރުމުގައި ﷲ ގެ ރަޙުމަތާ އެކީ އެއްގޮތަކަށް ވެސް ފަހަތަކަށް ނުޖެހޭނެ" ކަމަށެވެ. އަދި މި ސަރުކާރުން ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބިނާކުރަނިވި ފާޑުކިޔުންތަކަށް އަޅުގަނޑުމެން އަބަދު ވެސް މަރުހަބާ ކިޔަން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދަތި ވަނީ ދިވެހި ރައްޔިތުންނަށް ދަތިތަކާ، މުޅި ދިވެހިރާއްޖެ އަށް ބަދުނާމް ރައްދުވާ ގޮތަށް އެއްވެސް ކަހަލަ އަސާސެއް ނެތި ވާހަކަ ދައްކަންޏާ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއާ ގުޅިގެން ކުރިއަށް ދިއުމަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށެވެ.